މިދިޔަ ހުކުރު ދުވަހުން ފެށިގެން އިރާގުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ހޫނުވެ، މަރުވި މީހުންގެ އަދަދު 60 އަށް ވުރެ މައްޗަށް އެރުމާއެކު، ގައުމުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އަސްކަރިއްޔާގެ އެންމެ ވަރުގަދަ އެއް ގޮފި ކަމަށްވާ ކައުންޓާ ޓެރަރިޒަމް ޔުނިޓްތައް މަގުތަކަށް ނެރެފިއެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ސަލާމަތީ ބާރުގެ ފައުޖުތައް އިރާގުގެ މަގުތަކަށް ނެރެފައިވަނީ ދައުލަތުގެ މުހިންމު އިމާރާތްތަކާ ބިނާ ތަކާ ތަންތަން ހިމާޔަތްކުރުމުގެ މަގުސަދުގައި ކަމަށް ޚަބަރު ލިބެއެވެ.

ކައުންޓާ ޓެރަރިޒަމް ބާރުތަކުން ހަރަކާތްތެރިވާނީ ސަލާމަތީ ބާރުތަކުގެ އަމުރުތަކަށްވެސް ކިޔަމަންނުވެ އަންނަ އަދަބެއް އަހުލާގެއް ނެތް ފަރާތްތަކުން ދީފާނެ ހަމަލާއަކުން ދައުލަތުގެ އިމާރާތްތައް ހިމާޔަތް ކުރުމަށް ކަމަށްވާއިރު މުޒާހަރާގެ ބައިވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަރަކާތްތެރިވާނީ ސަލާމަތީ ބާރުތަކުން ކަމަށް މައުލޫމާތު ލިބެއެވެ.

މިމަހުގެ ކުރީކޮޅުގައިވެސް އިރާގުގައި ވަނީ ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. ސަރުކާރު ކޮރަޕްޓްވެފައިވާ ކަމަށާ، ޒުވާނުންނަށް ވަޒީފާ ނުލިބޭއިރު ހިދުމަތްތަކުގެ ފެންވަރު އިންތިހާއަށް ދަށްވެފައިވާކަމުގެ ޝަކުވާ އުފުލަމުން މުޒާހަރާ ކުރަން ފެށިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު 190 އަށްވުރެ މައްޗަށް އަރައެވެ. އެތައް ސަތޭކަ ބަޔަކަށް ވަނީ އެކިވަރުގެ ޒަހަމްތައްވެސް ލިބިފައެވެ.