މަގުމަތިން ދަތުރަކަށް އަތް ނަގައިގެން ތިބި ބަޔަކު ރަހީނުކޮށް މަރާލި ކަމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އޮސްޓްރޭލިއާގެ ސިލްސިލާ ގާތިލު އިވާން މިލާޓް މަރުވެއްޖެއެވެ.

އޮސްޓްރޭލިއާގެ ފުލުހުން ބުނި ގޮތުގައި އެންމެ ފަހު ދުވަހާ ޖެހެންދެކަށްވެސް އޭނާ ދިޔައީ ޖިނާއީ ޖަރީމާ ހިންގާފައި ނުވާނެ ކަމަށް ބުނަމުންނެވެ. އެހެންކަމުން، އިތުރު މަރުތަކެއްގެ އެންމެ ފުނަށް ފީނުމަށް ހިންގި ތަހުގީގުތަކަށްވެސް ހުރަސް އެޅުނު ކަމަށް ފުލުހުން ބުނެއެވެ.

މިލާޓްގެ ޝިކާރައަކަށްވީ މީހުންގެ ތެރޭގައި ހިމެނީ ޖަރުމަނުވިލާތުގެ 3 މީހަކާ، އިނގިރޭސިވިލާތުގެ 2 މީހެއްގެ އިތުރުން އޮސްޓްރޭލިއާގެ 2 މީހެކެވެ. މިއީ އުމުރުން ގާތްގަނޑަކަށް 19 އަހަރާއި 22 އަހަރާއި ދެމެދުގެ ޒުވާނުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކަމާބެހޭ ފަރާތްތަކުން މިލާޓް ހައްޔަރުކުރީ އިނގިރޭސިވިލާތުގެ މީހަކު ރަހީނުކޮށް މަރާލަން އުޅުމުގެ ތެރޭގައި، މިލާޓްގެ އަތުން އޭނާ ދޫވުމުން ފިލައިގެން ގޮސް، ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައި ހިސާބުންނެވެ.

މިލާޓްއާއި ދެކޮޅަށް ހިންގި ތަހުގީގުތަކާ ޝަރިޔަތުން އެނގޭ ގޮތުގައި، މަރާނެ މީހުން ޝިކާރަކުރަން މިލާޓް ނިކުންނަނީ ސިޑްނީއާއި މެލްބަންއާއި ދެމެދުގައި އޮންނަ ބޮޑު ހައިވޭއަށެވެ. މިލާޓްގެ ޝިކާރައަކަށްވީ މީހުންގެ ހަށިގަނޑުތައް ޖަންގައްޔެއްގައި ވަޅުލާފައި ހުއްޓާ ފެނިފައިވަނީ 1992 ވަނަ އަހަރާ 1993 ވަނަ އަހަރުގެ ތެރޭގައެވެ.

މިއަދުގެ ވަގުތެއްގައި މިލާޓް މަރުވީ ސިޑްނީގެ ހޮސްޕިޓަލެއްގައި، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އީސޮފަގަސްއާއި ބަނޑުގެ ކެންސަރުގެ އެންމެ ފަހު ސްޓޭޖުގައި މިލާޓްހުރިކަން އެނގުނީ މިއަހަރުގެ ކުރީކޮޅުގައެވެ.

1989 ވަނަ އަހަރާ 1992 ވަނަ އަހަރާ ދެމެދު 7 މީހަކު ރަހީނުކޮށް، މަރާލުމަށްފަހު އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްގެ ޖަންގައްޔަކަށް އެއްލާލުމުގެ ލާއިންސާނީ އަމަލު ހިންގި މިލާޓް މަރުވިއިރު އޭނާގެ އުމުރަކީ 74 އަހަރެވެ.