މިއަހަރުގެ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާ މާދަމާ ރޭ މާލޭގައި ބާއްވަން ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
ހޯމް މިނިސްޓްރީން ބުނީ، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައި ކަމަށެވެ.
އަދި އެ މިނިސްޓްރީން ބުނެފައި ވަނީ، އެދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައި ވާކަމަށާއި އަންގާރަ ދުވަހުގެރޭ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާއެއް ހއ. އުތީމުގައި ބޭއްވުމަށް ހަމަޖައްސާފައި ވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ އެއް ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
ދިވެހީންގެ ގައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. އެއީ ހަތަރެއް ފެބްރުއަރީ 1946 ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަ ކުރަމުން ގެނެސްފައެއް ނުވެއެވެ.
15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. އެމަތިވެރި ފަހުރު ދިވެހީންނަށް ހާސިލްކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްހަތީބު ހުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްތާނުލް ގާޒީ މުހަންމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.