ސަރުކާރު ކޯލިޝަންގެ އެއްބަސްވުމުގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން 2015ވަނަ އަހަރު ނެރެފައިވާ ރިޕޯޓަށް އަމަލުކުރާކަށް ނޯންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބުނަމުން އަންނަނީ އެމްޑީއެން އިން އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓަކީ 2015ވަނަ އަހަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނެރުނު ރިޕޯޓެއް ކަމަށެވެ. ނަމަވެސް އެކަން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދޮގު ކުރެއެވެ. އަދި ބައެއް ދީނީ އިލްމުވެރިންވެސް އެކަން އަންނަނީ ދޮގު ކުރަމުންނެވެ. އިދިކޮޅު ކޯލިޝަނުން ބުނީ، އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރެފައިވަނީ މިއަހަރުގެ ތެރޭގައި ކަމަށެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް އެމްޑީޕީން ނިކުތީ އިތުރު ތިން ބަޔަކާއި އެކު އެއްބައިވަންތަ ސަރުކާރެއް އުފެއްދުމަށް ކަމަށެވެ. އަދި އެ ސަރުކާރުގެ ދީނީ ކަންކަން ގެންދާނެ ގޮތަކީ، އަދާލަތު ޕާޓީގެ ހުށަހެޅުން ކަމަށް އެމްޑީޕީން ގަބޫލުކޮށްފައިވާނެ ކަމަށްވެސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވިއެވެ. އެމްޑީއެންގެ ނަން ބޭނުން ނުކުރައްވައި ނުސީދާކޮށް އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމްގެ ސިޔާސީ ޝިޔާރެއް ނުވަތަ 2015ވަނަ އަހަރު ނެރުނު ރިޕޯޓަކަށް އަމަލުކުރަން ޖެހޭ ކަމަކަށް ކޯލިޝަން އެއްބަސްވުމުގައި ނޯންނާނެ ކަމަށެވެ.

މި ރިޕޯޓުގެ މައްސަލަ ހޫނުވެ ގިނަ އަދަދެއްގެ އާއްމު ރައްޔިތުންނާއި ދީނީ އިލްމުވެރިން އަންނަނީ އެމްޑީއެން އުވާލާ އެ ޖަމިއްޔާގެ އިސްވެރިންނަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ އެކަމާ ގުޅިގެން އިހުތިޖާޖުކޮށް އެކަމުގައި އަޑު އުފުލަމުންނެވެ.

އެމްޑީއެން ރިޕޯޓުގައި ދީނާއި ހިލާފު ވާހަކަތަކެއް ހުރި ކަމަށް ނަޝީދު ކުރިން ވިދާޅުވި ނަމަވެސް މިއަދު އެ ރިޕޯޓު ދިފާއުކުރައްވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި ދާދިފަހުން ޝެއިހު ހުސެއިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ޞަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ" ސިލްސިލާގެ 10 ވަނަ ބައި ނެރެދެއްވި ހަފްލާގައި ނަޝީދު ވިދާޅުވީ އެމްޑީއެންގެ އަމާޒަކީ ދީން ބަލިކަށި ކޮށްލުން ނޫން ކަމަށެވެ. އަދި އެ ރިޕޯޓު ގޯސްވީ އޭގެ ބައެއް ވާހަކަތައް އިނގިރޭސިން ލިޔަން އުޅުމުން ކަމަށާއި އެ ރިޕޯޓުގެ ނިޔަތަކީ އިސްލާމް ދީނަށް ހަޖޫ ޖެހުން ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ރިޕޯޓުގައި ބައެއް ގޯސް ބަސްތައް ބޭނުން ކުރެވިފައި ހުރި ކަމަށާއި އެގޮތަށް މެދުވެރިވީ، އެ ރިޕޯޓު ލިޔުނު ފަރާތްތަކުން ބޭރުގެ ޔުނިވަސިޓީތަކުގައި ގިނަ ދުވަހު ކިޔަވަން އުޅުމުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.