ޖުޒާމް ބަލި ނައްތާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ މިންގަނޑަށް ރާއްޖޭގައި މިބަލި މަދުކުރެވިފައިވާ ކަމަށް 1997 ގައި ފާހަގަ ކޮށްފައި ވަނިކޮށް، އިއްޔެ މީޑިއާތަކުގައި ވަނީ މި ބަލީގެ ވާހަކަ އަނެއްކާވެސް ތިލަ ވެގެން ގޮސްފައެވެ.

ގދ. ފަރެސްމާތޮޑާގައި މިބަލި ފެތުރެމުންދާ ކަމަށް ބުނެ ދެކެވެން ފެށި ވާހަކައަށް ނިމުމެއް އައީ، އެޗްޕީއޭ އިން އެ ހަބަރު ދޮގުކޮށް، މިއަހަރު ޖޫން މަހުން ފެށިގެން އެޗްޕީއޭ އިން ފަށާފައިވާ "ޒީރޯ ލެޕްރަސީ" މަސައްކަތުގެ ތެރެއިން ރާއްޖޭގެ ބައެއް ރަށްރަށުގައި މުޅި އާބާދީ ލެޕްރަސީ އަށް ސްކްރީންކުރާ ކަމަށް ބުނުމުންނެވެ. އެޗްޕީއޭ އިން ބުނީ މިބަލި ޖެހިފައިވާ 3 އާއި 7 އާއި ދޭތެރެއިން މީހުން އަހަރެއްގެ މައްޗަށް ރާއްޖެއިން ފެންނަ ކަމަށެވެ.

ޖުޒާމް ބައްޔަކީ، ރާއްޖޭގެ ތާރީހުގައި ފާހަގަ ކޮށްލެވޭ ބައްޔެކެވެ. އެގޮތުން، މި ބަލި ރާއްޖޭގައި ފެތުރެމުން ދިޔަ ދުވަސްވަރު ބަލި ޖެހިފައިވާ މީހުން އެކަހެރިކޮށް، ރަށް ރަށުގައި މީހުން ނޫޅޭ ސަރަހައްދަށް އެމީހުން ފޮނުވާލައި ނުވަތަ އަތޮޅުގައި ހުންނަ ފަޅު ރަށްރަށަށް މީހުން ފޮނުވާލައެވެ. އެގޮތުން، މިފަދައިން އެކަހެރިކޮށްލި މީހުންގެ ތެރޭގައި ފުވައްމުލަކަށް ނިސްބަތްވާ ހައްވާ ދީދީގެ ވާހަކަ އަކީ މަޝްހޫރު ވާހަކައެކެވެ.

މިހާ ހިސާބުން ހައްވާ ދީދީގެ ވާހަކައަށް ކަޅިއެއް އެއްލަމާތޯއެވެ. މިއީ ފުލޯކު ވާހަކައެކޭ ވެސް ބައެއް މީހުން ބުނެއުޅެއެވެ.

ޖުޒާމް ބަލީގެ ޝިކާރައަކަށްވެ، ފުވައްމުލަކުގައި މީހުން ނޫޅޭ ސަރަހައްދަކަށް ފޮނުވާލެވުނު ހައްވާ ދީދީ އަކީ ފަންމިންޏެއް ކަމަށް މީހުން ސިފަ ކޮށްފައިވާ މީހެކެވެ. އޭނާގެ ފިރިމީހާއާއި ދަރިފުޅާ އެކު ދިރިއުޅެމުން ދިޔަ ހައްވާ ދީދީ އަކީ ހީވާގި، އެހެން މީހުންނާ ގާތް ގުޅުމެއް ބާއްވާ ރަނގަޅު ދިރިއުޅުމެއް އުޅެމުން ދިޔަ މީހެކެވެ.

ހައްވާ ދީދީއާ މެދު މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނީ، އެއްދުވަހު އޭނާ ކައްކަން އުދާފައި ހުރި ތެއްޔެއް، އެއްވެސް ހުރަހެއް ނެތި އޭނާގެ އަތުން އުނދުން މަތިން ބޭލި ތަން އޭނާގެ ގެ ކައިރިން ލާފައި ދިޔަ އަންހެނަކަށް ފެނުނު ހިސާބުން ފެށިގެންނެވެ. މި މަންޒަރު ދުށް އަންހެން މީހާ، ރަށު ތެރޭގައި އެ ވާހަކަ ދައްކަން ފެށުމާ އެކު، މި ވާހަކަ ރަށުގެ ކަތީބުގެ ކަންފަތަށް ފޯރާކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ.

ހައްވާ ދީދީ ބެހެއްޓި ކަމަށް ބުނާ، "ކަޅޮއަކިރި ގަނޑޮ" ސަރަހައްދު / ފޮޓޯ: ސޯޝަލް މީޑިއާ

ކަތީބާއި، ރަށުގެ އިސްވެރިން އަދި ރައްޔިތުންގެ މަޝްވަރާއާ އެކު، ހައްވާ ދީދީ މުޖުތަމައަށް ދޫކޮށްފައި ބެހެއްޓުމަކީ ރަށު ރައްޔިތުންނަށް ބިރުވެރި ކަމެއް ކަމަށާއި، އޭނާ މީހުން ދިރިއުޅޭ ހިސާބުގައި ބެއިންދުމަކީ ރަށަށް ނާމާން ކަން ގެންނާނެ ކަމެއް ކަމަށް އަދި އޭގެ ސަބަބުން ހައްވާ ދީދީއަށް ޖެހިފައިވާ ބަލި ގައިން ގަޔަށް އަރާ، ފެތުރިގެން ހިނގާދާނެ ކަމަށް ބުނެ އޭނާ އެކަހެރި ކުރަން ނިންމިއެވެ. އެއާ އެކު ރަށުގެ އިސްވެރިން، ހައްވާ ދީދީ އެކަހެރިކޮށް ބެއިންދުމަށް، މީހުން ނޫޅޭ ސަރަހައްދު ޖަންގަލި ތެރޭގައި އެރަށުގެ "ކުދުހެރައިވަލި" ކިޔާ ސަރަހައްދުގައި ކުޑަ ޖިފުޓި ގަނޑެއް އެޅުމަށްފަހު، ހައްވާ ދީދީއަށް އަމިއްލައަށް ކައްކާ ކެވޭނެ އިންތިޒާމު ހަމަޖެއްސިއެވެ.

ހައްވާ ދީދީއާ މެދު މީހުން ދެކޭގޮތް ބަދަލުވެގެން ދިޔަ ކަމުގެ އިހުސާސް އޭނާއަށް ކުރެވިގެން ދިޔައީ، ޖިފުޓި ގަނޑު ތައްޔާރު ކުރުމުގައި ރަށުގެ އިސްވެރިން މަސައްކަތް ކުރި ދުވަސްވަރެވެ. އެގޮތުން، ހައްވާ ދީދީ ގެއަކަށް ޒިޔާރަތް ކުރިއަސް، އެގެއެއްގައި ދެކެވެމުން ދިޔަ ވާހަކައެއް އޮތެވެ. އޭނާ މީހަކާ ވާހަކަ ދައްކަން އުޅުނަސް، ކޮންމެވެސް ބަހަނާއެއް ދައްކާ، އޭނާއާ ދުރަށް ދިއުމަށް މީހުން އަވަސްވެގަނެއެވެ. ކޮންމެއަކަސް، ހައްވާ ދީދީއަށް، މީހުން އޭނާއާ ދުރަށް ދާ ސަބަބު އެނގުނީ، އޭނާގެ ރައްޓެހި 12 އަހަރުގެ ސަންފާދީގެ ފަރާތުންނެވެ.

ސަންފާދީ އަކީ ކުރިން ހައްވާ ދީދީގެ ގެއަށް ވަރަށް ގިނައިން ޒިޔާރަތް ކުރާ ކުއްޖެކެވެ. ނަމަވެސް، ހައްވާ ދީދީގެ ބައްޔާ ބެހޭގޮތުން މައުލޫމާތު ލިބުމާ އެކު ސަންފާދީ އަށް ވެސް އޭނާއާ ބައްދަލުކުރަން އެގެއަށް ދާން ނުކެރުނީއެވެ. ހައްވާދީދީ އަކީ ބިރުވެރި މީހެއް ކަމަށް މީހުން ސިފަކޮށްފައި ވާތީއެވެ. އެހެނަސް، ހައްވާދީދީ ރަށުގެ މީހުން ނޫޅޭ ސަރަހައްދަކަށް ބަދަލު ކުރަން އުޅޭތީ، އޭނާ ފޮނުވާލުމުގެ ކުރިން ސައްފާދީ އޭނާއާ އަލްވަދާއު ކިޔުމަށް އެގެއަށް ދިއުމުން ހައްވާ ދީދީގެ ސުވާލުތައް ސަންފާދީއަށް އަމާޒުވިއެވެ. މީހުން އޭނާއާ ދުރަށް ދަނީ ކީއްވެތޯއެވެ. އޭނާ މުޖުތަމައުގައި އެކަހެރި ކޮށްފައި ވަނީ ކީއްވެތޯއެވެ. ހައްވާދީދީގެ ސުވާލުތަކާ، ލޮލުން ފައިބަން ފެށި ކަރުނައާ އެކު ސަންފާދީ އޭނާގެ ރަހްމަތްތެރިޔާއަށް ވެގެން އުޅޭ ގޮތާއި، ރަށުގެ އިސްވެރިން އޭނާއާ މެދު ކަންތައް ކުރަން އުޅޭ ގޮތް ތަފްސީލާ އެކު ކިޔައިދިނެވެ.

މިއީ ކޮން ކަހަލަ ބައެއް، އަހަރެންނަކީ އަބަދުވެސް މީހުންނަށް ހިތް ހެޔޮ މީހެއް، އެއްވެސް މީހަކު ކީއްވެ އަހަރެންނާއި މެދު މިފަދައިން ކަން ކުރަން އުޅޭ ވާހަކަ ނުބުނީ؟
ހައްވާދީދީ

ހައްވާ ދީދީގެ ހިތުގައި އުތުރި އަރައިގަތީ ސުވާލުތަކެކެވެ. އަބަދުވެސް މީހުންނަށް ހިތް ހެޔޮ، މީހުންނަށް އޯގާތެރި މީހަކާ މެދު މިފަދަ އިހާނެތި ގޮތަކަށް ކަން ކުރަން އުޅޭތީ އޭނާ ހިތުގައި ޖެހުނީއެވެ. މާ ގިނަ ދުވަހެއް ނުވެ، ރަށުގެ އިސްވެރިން އޭނާ ދިިރުއުޅެން ތައްޔާރު ކޮށްފައި ވާ ކުޑަ ޖިފުޓިއަށް އޭނާ ބަދަލުވާން ޖެހުނީ، އޭނާގެ ދަރިފުޅުވެސް ދޫކޮށްލާފައެވެ. އޭނާގެ ބަލި، ދަރިފުޅަށް ވެސް ޖެހިދާނެތީއެވެ.

ހައްވާ ދީދީ "ކުދުހެރައިވަލި" ސަރަހައްދު ނުވަތަ މިހާރުގެ ބަހުން ނަމަ، "ކަޅޮއަކިރި ގަނޑޮ" ސަރަހައްދަށް ބަދަލުކޮށްގެން އުޅުނު ދުވަސްވަރު، އޭނާގެ ރައްޓެހިން އޭނާއަށް ކާއެއްޗެހި ގެންގޮސް ހެދިއެވެ. ނަމަވެސް، ފަހުން ފަހުން އައިސް އެކަން ވެސް ހުއްޓުމަކަށް އައެވެ. އެކަނިމާއެކަނި ޖަންގަލި ތެރޭގައި އުޅެން ޖެހުމުން ހައްވާ ދީދީއަށް ކުރެވުނީ ބިރުވެރި އިހުސާސެކެވެ. ރޭގަނޑުގެ ހަމަ ނިދި ނުލިބި އެތައް ދުވަހަކު އުޅުމަށް ފަހު ހައްވާ ދީދީއަށް އެ މާހައުލަށް ހޭނުނީ ވަރަށް ދުވަހުންނެވެ. ހިތުގައި ބިރުވެރިކަން އުފެދޭ ކޮންމެ ފަހަރަކު ހައްވާ ދީދީގެ ހިތަށް ފިނިކަމެއް ލިބެން ފެށީ ރާޅު ޖަހާ މަންޒަރު ބެލުމަށް އަތިރިމައްޗަށް ނިކުންނަން ފެށުމުންނެވެ.

އަންހެނަކު އެކަނިމާއެކަނި އަތިރިމައްޗާ ދިމާލަށްދާ މަންޒަރު / ފޮޓޯ: ސޯޝަލް މީޑިއާ

ހައްވާ ދީދީގެ ވާހަކަ ނިމިގެން ދިޔައީ ކިހިނެތް ކަމެއް މިވާހަކަ ކިޔައިދިން އެ ރަށުގެ ދުވަސްވީ މީހުންނަށް ވެސް ޔަގީންކޮށް ކިޔައިދޭކަށް ނޭނގުނެވެ. އެއްބައި މީހުން ބުނާ ގޮތުގައި، އޭނާ މަރުވެ ދިޔައީ ޖަންގަލީގައި ހުރި ޖިފުޓީގައި އުޅެމުން ދަނިކޮށެވެ. އަނެއްބައި މީހުން ކިޔައިދިން ގޮތުގައި އައްޑޫގައި ހުރި ހޮސްޕިޓަލަކަށް ހައްވާ ދީދީ ގެންގޮސް، ޖުޒާމް ބަލީގެ ފަރުވާ ލިބި، އޭނާ ރަނގަޅުވީ ކަމަށެވެ. އަދި އޭނާގެ ދިރިއުޅުން އުތުރުގެ ރަށަކަށް ބަދަލުކޮށް، މީހަކާ ކައިވެނި ކުރި ކަމަށްވެސް ބައެއް މީހުން ބުނެއެވެ.