ތުރުކީވިލާތުން ދަނީ، ރެފިއުޖީންގެ ގޮތުގައި އެގައުމަށް އެތެރެވެފައިވާ ސޫރިޔާގެ ރައްޔިތުން ގަދަ ބާރުން ޑިޕޯޓްކުރަމުން ކަމަށް، ބައިނަލްއަގުވާމީ ފެންވަރުގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުންދާ 2 ގުރޫޕަކުން ތުހުމަތުކޮށްފިއެވެ.

މިދަނޑިވަޅަކީ، ތުރުކީވިލާތުގައި ތިބި ސޫރިޔާގެ ރެފިއުޖީން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ކޮންމެހެން ގާއިމުކުރަންޖެހޭ "ސޭފްޒޯނެއް" ގާއިމުކުރުމުގެ ނަމުގައި ތުރުކީވިލާތުން ސޫރިޔާގައި އަސްކަރީ އޮޕަރޭޝަންތަކެއް ފަށާ، އެ އޮޕަރޭޝަންތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ދަނޑިވަޅެއްވެސްމެއެވެ.

ސޫރިޔާގެ 28 ރެފިއުޖީއަކާ އިންޓަވިއުކުރުމަށް ފަހު އެމްނެސްޓީ އިންޓަނޭޝަނަލްއިން އެކުލަވާލި ރިޕޯޓް ބުނާ ގޮތުގައި، ތުރުކީވިލާތުގެ ފުލުހުން ވަނީ ރެފިއުޖީންގެ ގައިގައި ތަޅާ އަނިޔާކޮށްފައެވެ. އަދި ސޫރިޔާއަށް އެނބުރި ދިއުމަށް "ބޭނުންވާ" ކަމަށް ބުނާ ލިޔެކިއުންތަކެއްގައި އޮޅުވާލައިގެން ނުވަތަ ބިރު ދައްކައިގެން ސޮއިކުރުވުމަށް މަޖުބޫރުކުރުވައެވެ.

ތުރުކީވިލާތުގެ އަސްކަރިއްޔާއިން ސޫރިޔާގައި ހަމަލާދޭން ފެށުމަށް ސޫރިޔާއަށް ވަންނުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ސޫރިޔާގެ ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވަމުންދަނީ ގަދަބާރުން ކަމަށް ބުނާ ރިޕޯޓްތަކަށް ރައްދު ދެމުން، ތުރުރކީވިލާތުގެ ހާރިޖިއްޔާގެ ތަރުޖަމާނު ހާމީ އަކްސޯއީ ވިދާޅުވީ، ރިޕޯޓުގައި ހުރި ވާހަކަތަކަކީ އޭގައި އެއްވެސް ވަރެއްގެ ހަގީގަތެއް އެކުލެވިގެން ނުވާ، ހިޔާލީ ވާހަކަތަކެއް ކަމަށެވެ.

އަކްސޯއީ ވިދާޅުވީ ސޫރިޔާގެ 4 މިލިއަނެއްހާ ރެފިއުޖީންނަށް މެހެމާންދާރީގެ އެހީތެރިކަން ފޯރުކޮށްދެމުންދަނީ ތުރުކީވިލާތުންނެވެ. މީގެ ތެރެއިން 3.6 މިލިއަން ރެފިއުޖީން ދިރިއުޅެމުންދަނީ ތުރުކީވިލާތުގެ ސަރަހައްދީ އިމުގެ އެތެރޭގައި ކަމަށްވާއިރު، ހިމާޔަތަށް އެދިގެން އައި ރެފިއުޖީންތަކެއް އެމީހުންގެ އަމިއްލަ ފަސްގަނޑަށް ގޮސްގެން ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮވެދާނެ ކަމަށްޓަކައި އެ ގައުމަކަށް އަނބުރާ ފޮނުވާ ނުލުމަށް އޮންނަ ބައިނަލްއަގުވާމީ އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކުރުމަށްވެސް ތުރުކީވިލާތުން މަސައްކަތްތަކެއް ކުރަމުން އަންނަކަން އަސްކޯއީ ވަނީ ފާހަގަކުރައްވާފައެވެ.

އަސްކޯއީ އިތުރަށް ވިދާޅުވީ، ސޫރިޔާގެ ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ރެފިއުޖީންނާ ބެހޭ އދގެ އިދާރާއާއި އެހެނިގެން ޖަމިއްޔާތަކުގެ އެއްބާރުލުމާ އެހީތެރިކަމާއެކު، އެ ފަރާތްތަކާއިވެސް ގުޅިގެން ކަމަށެވެ. ތުރުކީވިލާތުން އަމަލުކުރަމުންދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއް ގޮތަށް، އެ އިމުގެ ތެރޭގައި ކަމަށާ، ރެފިއުޖީން އެނބުރި އަމިއްލަ ވަޒަނަށް ދާނީ އެމީހުންގެ އަމިއްލަ އިހުތިޔާރުގައި ކަމަށް އޮންނަ އޮތުމަށް ތުރުކީވިލާތުން ބާރު އަޅާކަމަށްވެސް އަސްކޯއީ ވަނީ ވިދާޅުވެފައެވެ.

ތުރުކީވިލާތުގެ ވާހަކަތައް ދޮގު ކުރުމުން އެމްނެސްޓީއިން ބުނީ ފާއިތުވީ ދެތިން މަސްދުވަހުގެ ތެރޭގައި އެކަނިވެސް އެތައް ސަތޭކަ ރެފިއުޖީންނެއް ސޫރިޔާއަށް ފޮނުވާލާފައިވާކަމަށެވެ.

އަލާން ކުރުދީގެ ފުރާނަ ނެތް މަސްގަނޑު ތުރުކީވިލާތުގެ ގޮނޑުދޮށަށް ލައްގާފަ/ފޮޓޯ: ދި އިންޑިޕެންޑެންޓް

ސޫރިޔާގެ ރެފިއުޖީންގެ ސަބަބުން ބޮޑެތި ތަކުލީފުތަކެއް އުފުލަމުންދާ ތުރުކީވިލާތުންވަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމުގެ ޝަކުވާ އުފުލާފައެވެ. އެގޮތުން މާލީ ހަރަދުތައް ފޫބެއްދުމަށްވެސް ބޭރުގެ ގައުމުތަކުން އެހީތެރިކަން ނުލިބޭކަމަށް ތުރުކީވިލާތުން ބުނެއެވެ. ސޫރިޔާގެ ރެފިއުޖީން ކޮންޓްރޯލް ކުރުމަށްޓަކައި، ތުރުކީވިލާތުން ވަނީ ރެފިއުޖީން އެގައުމަށް އެންމެ ފުރަތަމަ އެތެރެވުމަށްފަހު ރަށްވެހިވި ސިޓީތަކަށް ދިރިއުޅުން ބަދަލު ކުރުމަށް އަންގާފައެވެ. އަދި އެކަން ކުރުމަށް މި ހިނގާ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މުހުލަތެއް ވަނީ ދީފައެވެ.

ކަންމިހެން އޮތްއިރު، ހިއުމަން ރައިޓްސް ވޮޗްއިންވެސް ވަނީ ތުރުކީވިލާތުގެ ކަމާބެހޭ ފަރާތްތަކުން ސޫރިޔާގެ ރެފިއުޖީންނާ މެދު ނަހަމަ އަމަލުތަކެއް ހިންގަމުންދާކަމަށް ބުނެ ރިޕޯޓެއް އާންމުކޮށްފައެވެ. މި ރިޕޯޓް ބުނާ ގޮތުގައި މިއަހަރުގެ ޖަނަވަރީ މަހާ ސެޕްޓެމްބަރު މަހާ ދެމެދުގައިވެސް ތުރުކީވިލާތުން ވަނީ ސޫރިޔާގެ ރެފިއުޖީންތަކެއް މަޖުބޫރުން ޑިޕޯޓްކޮށްފައެވެ. އަދި ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތި، ގިނަ އަދަދެއްގެ ރެފިއުޖީން ހައްޔަރުކޮށްފައިވާކަމަށްވެސް ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.