ސަރުކާރާ ދެކޮޅަށް އިރާގުގައި ކުރިއަށް ގެންދިޔަ އާ މުޒާހަރާތައް ހޫނުވެ، ހިންގި އެކި ހަމަނުޖެހުންތަކާ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު 40 އަށް އަރައިފިއެވެ.

މަރުވި މީހުންގެ ތެރޭގައި، ސަލާމަތީ ބާރުތަކުން މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ނަމުގައި އުކަމުންދިޔަ ކަރުނަ ގޭސް ކެނިސްޓަރުތަކަކުން ޖެހި މަރުވި 2 މީހަކު ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

ލިބެމުންދާ ރިޕޯޓްތަކަށް ބަލާއިރު މަރުވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި ހާ މީހުން މަރުވެފައިވަނީ ހަނގުރާމަވެރި ޖަމާއަތްތަކާ ސަރުކާރުގެ އިދާރީ އޮފީސްތަކަށް ގަދަކަމުން ވަންނަން އުޅުމުގެ ތެރޭގައެވެ.

އިރާގުގެ ވެރިރަށް ބަގުދާދުގެ އިތުރުން އެގައުމުގެ އެކި ހިސާބުތަކަށް ފެތުރިފައިވާ މުޒާހަރާތަކުގެ ބައިވެރިން ޑިމާންޑް ކުރަމުންދަނީ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާ، ކޮރަޕްޝަން ނައްތާލުމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ޑިމާންޑް ކުރަމުންނެވެ.

މިމަހުގެ ކުރީކޮޅުވެސް މިފަދަ މުޒާހަރާތަކެއް އިރާގުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެފަހަރުގެ ހަމަނުޖެހުންތަކުގައި 150 އެއްހާ މީހުން މަރުވިއިރު، ސަލާމަތީ ބާރުތަކުން އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުން ކޮށްފައިވާކަމަށް އިރާގުގެ ސަރުކާރުންވެސް ވަނީ އިއުތިރާފުވެފައެވެ.

އެންމެ ފަހުގެ މުޒާހަރާތަކާ ހަމަނުޖެހުންތައް ފެށިފައި މިވަނީ، ހަމަޖެހުން ގާއިމު ކުރުމަށް އިރާގުގެ އިސް ދީނީ އިމާމުންނާ އދއިން އިލްތިމާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.