ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިޔާރުތައް އެމްޑީޕީގެ މެންބަރަކު ބޭނުން ނުކުރުމަށް އެޕާޓީން އިލްތިމާސްކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ އެޕާޓީއާ ވާދަވެރި ސިޔާސީ ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހިތްވަރު ލިބޭ ޝިޔާރުތައް އެމްޑީޕީގެ އެއްވެސް މަޖިލިސް މެމްބަރެއްވެސް، ކައުންސިލަރެއްވެސް، އެމްޑީޕީގެ އެއްވެސް ގައުމީ މަޖިލިސް މެމްބަރަކުވެސް އަދި އާއްމު މެމްބަރަކުވެސް ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ. އަދި އިދިކޮޅު ހަރަކާތްތަކަށް ބާރުލިބޭ، ވާގިވެރިވުމުގެ ބަޔާން ނެރުމާއި، އިދިކޮޅު މުޒާހަރާގައި ބައިވެރިވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި، ދުރޫސުލް އަހްލާގުގެ ހަމަތަކުން ބޭރު ކަމެއް ކަމުގައި މެނުވީ ނުވާނެ ކަމަށްވެސް އެޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން މިފަދައިން އިލްތިމާސްކޮށްފައިވާއިރު އާއްމު ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ލިޔެފައިވާ ރިޕޯޓަކާއި ދެކޮޅަށް އަޑު އުފުލާ ތަފާތު އެކި ޝިއާރުތައް ބޭނުން ކުރަމުންނެވެ. އަދި މިކަމާއި ގުޅިގެން 78 ކައުންސިލަކުން ވަނީ އެމްޑީއެންގެ އެ ރިޕޯޓު ކުށްވެރިކޮށް ބަޔާންތައް ނެރެފައެވެ. މީގެއިތުރުން ގިނަ ރަށްތަކުގައި ވަނީ އެމްޑީއެންގެ ރިޕޯޓާއި އެ ޖަމިއްޔާގެ އިސްވެރިންނާއި ދެކޮޅަށް އަޑުއުފުލާ ހިނގާލުންތައް ވެސް ހިނގާލައިފައެވެ.