ސަރުކާރު ކުންފުނިތަކަށް ޑޮލަރު ހޯދުމަށް އެމްއެމްޕީއާރްސީ މެދުވެރިވެގެން ވިޔަފާރީގެ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށާއި އެ ގޮތުން އެ މުއާމަލާތްތަކާއި ގުޅިގެން އެ ކުންފުންޏަށް 77 މިލިއަން ޑޮލަރު ލިބެންޖެހޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އަދި އެސެޓް ރިކަވަރީ ކޮމިޝަނާއި ގުޅިގެން އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ ޑޮލަރު ގަތުމަށްޓަކައި ސަރުކާރު ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް ފައިސާ ދީފައިވާ ކަމަށާއި އަދި އެފައިސާގެ ބަދަލަށް ކުންފުނިތަކަށް ވެސް މިހާރު ފައިސާ ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ކުންފުނިތަކަށް ލިބިގެން ދިޔައީ ހިޔާނާތުގެ ފައިސާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެފައިސާ ދެއްކުމަށްޓަކައި އެމްއެމްޕީއާރްސީ މެދުވެރި ރަށްތަކެއް ކުއްޔަށް ދީގެން އިކުއިޒިޝަން ކޮސްޓް ފީގެ ގޮތުގައި ފައިސާތަކެއް ނަގާފައި އޭގެ މި ސެޓުލްކޮށް މިކަހަލަ ސަކަރާތްތަކެއް މި ކުޅުނީ. ސްޓޭޓް އޯން ކުންފުނިތަކުން ނެގި ފައިސާ އަނބުރާ ދެއްކި ކަމަށް ބުނެވިދާނެ. އެ ފައިސާ ދެއްކީ އެމްއެމްޕީއާރްސީގެ ފައިސާއިން. މިގޮތަށް ބަލާ ކަމަށްވާނަމަ ފައިސާގެ ގޮތުގައި ބޭނުން ކުރެވުނު ނުވަތަ އެމްއެމްޕީއާރްސީއަށް ލިބެންޖެހި ނުލިބި އެއްޗެއްގެ ގޮތުގައި އެބަ އަރާ 77 މިލިއަން ޑޮލަރު،" އަސްއަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ދިއުމަކީ ދޫކޮށްލަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި އެ ފައިސާ ދައުލަތަށް ހޯދަން އެބަޖެހޭ ކަމަށެވެ.

އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ޑޮލަރު ގަތުމަށްޓަކައި ސަރުކާރު ކުންފުނިތަކުން އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރާ ފައިސާ ނަގައިގެން އަމިއްލަ ކުންފުނިތަކެއްގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާ ކަމަށެވެ.

"އެމްއެމްޕީއާރްސީން ސަރުކާރު ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި އެކު އެއްބަސްވުންތަކެއް ހަދާފައި އެބަހުރި. ނަމަވެސް ހަގީގަތުގައި ދައުލަތުގެ ކުންފުނިތަކުން ނެގިފައި ހުރި ފައިސާއަކީ އެމްއެމްޕީއާރްސީއަށް ނެގުމަށްފަހު އެފައިސާ ހަވާލު ކުރެވުނު ކުންފުނިތަކުން ޑޮލަރު ހޯދައިގެން އެ ޑޮލަރު އަނބުރާ ދައުލަތުގެ ކުންފުނިތަކަށް ދިނުމުގެ ނިޔަތުގައި ކޮށްފައި ހުރި މުއާމަލާތްތަކެއް ނޫން. އެއްބަސްވުންތަކެއް އެކުލަވާލާފައިވީ ނަމަވެސް ހަގީގަތުގައި މިއީ ސައްހަ ކޮމާޝަން ޓްރާންސިކްޝަންތަނެއް ނޫން،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އެމްއެމްޕީއާރްސީއާ ކުންފުނިތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކަކީ އެމްއެމްޕީއާރްސީއާ އެހެނިހެން އަމިއްލަ ކުންފުނިތަކާ އެކު ހިންގާ މުއާމަލާތްތަކަކީ ރަނގަޅު މުއާމަލާތްތަކެއް ކަމަށް "ދެއްކުމަށް" ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަސްއަދު ވިދާޅުވީ ފަޅުތަކާއި ރަށްތައް ވިއްކައިގެން އެމްއެމްޕީއާރްސީން 49 އެގްރީމަންޓެއް ހަދާފައިވާ ކަމަށާއި އެ ރަށްތައް ވިއްކައިގެން އެކަނިވެސް ދައުލަތަށް 220 މިލިއަން ޑޮލަރު ލިބެންޖެހޭ ކަމަށެވެ. އަދި އޭގެއިތުރުން ދެން ހުރި ރަށްތަކަކީ އެގްރީމަންޓު ނުހަދާ ހުރި ރަށްތަކެއް ކަމަށާއި ނަމަވެސް އެތަންތަނުން ވެސް ފައިސާ ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.