ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަކީ ކަންކަމުގެ ނިވާފަތް ގަނޑަކަށް ހެދުމަށް ސިޔާސީ ފަރާތްތަކުން ބޭނުން ކުރާ އައްޑަނައެއް ކަމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެމްއެމްޕީއާރްސީގެ ރިޕޯޓު ކިޔާ ވިލާގަނޑަކީ" މުޖުތަމައުގެ ތެރޭގައި ހިނގާ ކޮންމެ "ނިވާ" ފަތްގަނޑަކަށް ހެދުމަށް ސިޔާސީ ފަރާތްތަކުން ބޭނުން ކުރާ އައްޑަނައެއް ކަމަށެވެ.

މުސްތަފާ މިފަދައިން ވިދާޅުވެފައި މިވަނީ މިދުވަސްވަރު ރާއްޖޭގައި އެންމެ ބޮޑަށް ދެެކެވެމުންދާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ މައްސަލަ އޮއްބާލުމަށް އެމްއެމްޕީއާރްސީގެ ވާހަކަތައް ސަރުކާރުން ނަގައިގެން އެމްޑީއެން މައްސަލައިގެ ފޯކަސް ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނިކޮށެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި މިދިޔަ ހޯމަ ދުވަހު އޮތް މާލިއްޔަތު ކޮމެޓީގައި ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ދެއްކެވި ވާހަކައާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އިއްޔެ ވަނީ ރައްޔިތުން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވާފައެވެ. އެގޮތުން އެ މައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެންބަރުން ވަނީ ހިޔާނާތުގެ ބައިވެރިންގެ ނަންތައް ހާމަ ކުރުމަށް ގޮވާލައިފައެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީ މައްސަލާގައި 19ވަނަ މަޖިލީހަށް ނިސްްބަތްވާ 16 މެންބަރަކަށް އެ ފައިސާ ލިބިފައިވާ ކަމަށާއި އަދި މި ސަރުކާރުގެ 7 ބޭފުޅަކާއި މިހާރުވެސް ކޯޓުތަކުގައި ތިއްބެވި 8 ފަނޑިޔާރަކަށް އެ ފައިސާ ލިބިފައިވާ ކަމަށެވެ.