އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވާ ބައެއް ފަރާތްތަށް ތިބީ ރާއްޖޭން ބޭރުގެ ހިމާޔަތް ހޯދައިގެން ކަމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއާއި އެންޓި ކޮރަޕްޝަން ކަމިޝަން (އޭސީސީ) އަދި އެސެޓް ރިކަވަރީ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ، ހިޔާނާތާ ގުޅުން ހުރި ބައެއް މީހުން ރާއްޖޭން ބޭރުގައި އެބަ ތިބި ކަމަށެވެ. ރިޔާޒު ވިދާޅުވީ އެމީހުން ރާއްޖޭން ބޭރުގައި ތިއްބަސް މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.

ބޭރުގައި ތިބި ފަރާތްތަކުގެ ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ، މިހާރު އެފަރާތްތަަކަކީ ބޭރުގެ ގައުމަކުން ހިމާޔަތް ދީފައި ތިބި ބައެއް ކަމަށެވެ. އެހެންކަމުން އެ ފަރާތްތައް އަނބުރާ ރާއްޖެއަށް ގެނައުމަށް ގޮން ޖެހުންތަކެއް ހުންނާނެ ކަން ފާހަގަކުރައްވާ ރިޔާޒު ވިދާޅުވީ، އެހެންކަމުން މިވަގުތަށް ތަހުގީގީ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު މި ތަހުގީގަށް ނުވަތަ ދައުލަތަށް މިކަމުގެ އެންމެ މަންފާ ބޮޑު ގޮތަކަށް އަމަލު ކުރުމަށްޓަކައި އެގޮތުގެ މަތިން އަމަލުކޮށްފައިވާ ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި 8 ފަނޑިޔާރަކު ބައިވެރިވެފައިވާ ކަން ހާމަކުރައްވާފައި ވާއިރު، މިހާރުގެ ސަރުކާރުގައި ތިއްބެވި 7 ބޭފުޅަކާއި، 18 ވަނަ މަޖިލީހުގެ 44 މެންބަރުންނާއި 19 ވަނަ މަޖިލީހުގެ 16 މެންބަރެއް ހިމެނޭ ކަންވެސް ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނީ 155 މީހުންނަށް ކަމަށް ކުރިން ބުނެފައި ވީ ނަމަވެސް، މިހާރު ލިބިފައިވާ އާ މައުލޫމާތުތަކަށް ބަލާއިރު އެ އަދަދު 267 މީހުންނަށް އިތުރުވެފައިވާ ކަން ވެސް ވަނީ އެ ބައްދަލުވުމުގައި ހާމަކޮށްފައެެވެ.