އެމްއެމްޕީއާރުސީގެ ހިޔާނާތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރުން ހިމެނޭ ކަން ހާމަވެއްޖެއެވެ.

އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގާ ގުޅިގެން މޯލްޑީވްސް ޕޮލިސް ސާވިސްއާއި އެންޓި ކޮރަޕްޝަން ކަމިޝަން (އޭސީސީ) އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، 18 ވަނަ މަޖިލީހުގެ 44 މެންބަރުން ހިމެނޭ ކަމަށާއި 19 ވަނަ މަޖިލީހުގެ 16 މެންބަރެއް ހިމެނޭ ކަމަށެވެ.

ރިޔާޒް ވިދާޅުވީ، 18 ވަނަ މަޖިލީހުގެ 44 މެންބަރުންނަށް އެކި ބޭނުންތަކުގެ އެކި ފަހަރުގެ މަތިން އެ ފައިސާގެ ތެރެއިން ފައިސާ ދީފައިވާ ކަމަށް މި ކަމުގައި އަމަލީގޮތުން އުޅުނު ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. މީގެތެރޭގައި އެކި މުއާމަލާތްތަކުން ފައިސާ ލިބުނުކަން ޔަގީންކޮށްދީފައި ހުރިކަން ފެންނަ ހުރި ކަމަށާއި އަދި މިކަމުގައި އުޅެފައި ހުރި މީހުންގެ ބަހުންވެސް އެކަން ހާމަވެފައިވާ ކަަމަށް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ރިޔާޒް ވިދާޅުވީ މިހާތަނަށް ލިބިފައި ހުރި ހެއްކާއި ގަރީނާއަށް ބަލާއިރު މި 19 ވަނަ މަޖީލީހުގައިވެސް މި ފައިސާ ބޭނުންކޮށްފައި ތިއްބެވި މެންބަރުން އެބަ ތިއްބެވި ކަމަށެވެ. އެ ގޮތުން 16 މެންބަރުން ހިމެނޭ ކަން ރިޔާޒް ފާހަގަކުރެއްވެވިއެވެ.

މި ހިޔާނާތުގެ ތެރޭގައި ފައިސާ ހަރަދުކުރެވުނު ކަންކަމުގެ ގޮތުގައި ފުލުހުންނަށް ފާހަގަކުރެވުނު ކަންތައްތަކަށް ހިއްސާކުރައްވަމުން ރިޔާޒް ވިދާޅުވީ މި ފައިސާ ފުރަތަމަ ނަގަަން ފަށާފައިވަނީ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އިއުލާން ކުރުމާ ގުޅިގެން އެކަމަށް ވާން ޖެހޭ ތައްޔާރީތަކާ ހިސާބުން ކަމަށެވެ.

18 ވަނަ ރައްޔިތުން މަޖިލީހުގައި އެ ފައިސާއިން ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން ޕާޓީތަކުގެ ޕްރައިމަރީއަށާއި، ޕްރައިމަރީތަކުން ކާމިޔާބު ކުރެއްވި މެންބަރުންގެ ކެމްޕޭނަށާއި، އަދި މަޖިލީހުގެ ރައީސަކު ހޮވުމަށާއި، އިންތިހާބުވީ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން އެއްޕާޓީން އަނެއް ޕާޓީއަށް ބަދަލު ވުމަށް ހަރަދު ކޮށްފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. ހަމަ އެއާއެކު އެ ދައުރުގައި މަޖިލީހުގައި ހިނގާދިޔަ ބޮޑެތި ކަންކަމުގައި މަޖިލީހުގައި ނެގުނު ވޯޓުތަކުގެ ތެރެއިން ގާނޫނު ފާސްކުރުމާއި، މީހުން މަގާމު ތަކަށް އައްޔަން ކުރުމާއި، ގާނޫނު އަސާސީއަށް ބަދަލު ގެނައުން ފަދަ ބޮޑެތި ކަންކަމަށް ނެގުނު ވޯޓުތަކުގައިވެސް އެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާސީ ފަރާތްތަކަށް ހުކުމް ކުރުމަށާއި އެކި ފަރާތަތަކަށް ކިޔެވުމުގެ އެހީއަށާއި ބޭސްފަރުވާއަށްވެސް އެ ފައިސާ ބޭނުންކޮށްފައިވާ ކަން ހާމަވެފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، ފަނޑިޔާރުންގެ ތެރެއިން 8 ބޭފުޅަކަށާއި ސަރުކާރުގައި ތިއްބެވި ވެރިންގެ ފެންވަރުގެ 7 ބޭފުޅަކަށްވެސް ފައިސާ ލިބިފައިވާ ކަމަށެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެމްޕީއަރްސީ ހިޔާނާތުގައި ބައިވެރިވެފައިވާ މެންބަރުންގެ އަދަދު ހާމަކޮށްފައިވާ އިރު، ރައްޔިތުން މަޖިލީހުގެ ކޮމެޓީގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ މިސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ލިބިފައިވާ ކަމުގެ ތުހުމަތު ޕީޖީ ވަނީ ކުރައްވާފައެވެ.