ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާއަށް އެއްމަސް ވެފައި ވާއިރު، އެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަމުގައި މިހާރު 141 މީހުން އެބަތިބި ކަމަށް ނެޝަނަލް ޑީޒާސްޓާ މެނޭޖްމަންޓުން ބުނެފިއެވެ.

ޑިޒާސްޓާއިން ބުނީ، މިދިޔަ މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ވަގުތީ ބޯހިޔާވަހިކަމުގެ ދަށުގައި މިއަދާ ހަމައަށް 24 އާއިލާގެ 141 މީހުން އެބަތިބި ކަމަށެވެ. އެގޮތުން މި އާއިލާތަަކށް ވަގުތީ ބޯހިޔާވެހިކަން ހަމަޖައްސާފައިވަނީ ގާކޮށީގެ 14 އެޕާތްމެންޓެއްގެ އިތުރުން ގެސްޓްހައުސް ތަކުން ކޮޓަރި ކުށްޔަށް ނަގައިގެން ކަމަށް އެ ފަރާތުން ބުނެއެވެ. އަދި މިވަގުތު ވަގުތީ ހިޔާގައި ތިބީ މި ހާދިސާގެ ސަބަބުން ދާއިމީ ބޯހިޔާވަހިކަން ނެތް ފަރާތްތައް ކަމަށްވެސް ޑިޒާސްޓާއިން ބުނެއެވެ.

މާލޭގެ އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ގެއްލުން ލިބުނު ގެތަކުގައި ކުއްޔަށް ދިރިއުޅުނު އާއިލާތަކަށް ދިނުމަށް ޑިޒާސްޓާއިން ނިންމަވާފައިވާ 3 މަސްދުވަހުގެ ކުލީގެ ފައިސާ މިހާރު ވަނީ އެ އާއިލާތަކަށް ޖަމާކޮށްދެވިފައި ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ. އަދި ތަނެއް ކުއްޔަށް ހިފުމާއި ދިރިއުޅުން އާންމު ހާލަތަަކަށް ބަދަލު ކުރުމަށް އެ އާއިލާތަަކށް މި މަހުގެ ނިޔަލަށް އެ އޮޓޯރިޓީގެ ވަގުތީ ބޯ ހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަަން އެ އާއިލާތަަކށް އަންގާފައިވާނެ ކަމަށްވެސް ޑިޒާސްޓާއިން ބުނެއެވެ.

އަދި މި ދިސާއާ ގުޅިގެން ގެއްލުން ލިބުނު ގެތަކުގެ ވެރިފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ދިނުމާއި ގުޅޭގޮތުން ސަރުކާރުން ވަކިގޮތެއް ނިންމަންދެން ގާކޮށީގައި ދިރިއުޅެވޭނެ އިންތިޒާމްތަކާއި ކެއުމުގެ އެލަވަންސް ފޯރުކޮށްދެމުން ގެންދާނެ ކަމަށްވެސް ޑިޒާސްޓާއިން ބުނެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ގެއަކުން އުމުރުން ދުވަސްވީ މީހަކު ބަޔަކު ނެރެނީ

މި ހާދިސާއާ ގުޅިގެން ހުޅުވި، ފަޔާ ރިލީފް އެކައުންޓަށް ޖަމާވެފައި ވަނީ 2،528،833.37 ރުފިޔާ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ ހިނގީ ކެމިކަލް ގުދަނެއްގައި ރޯވެގެންނެވެ. އެ ހާދިސާގައި 6 ގެއަކާއި 4 ކެމިކަލް ގުދަން އަނދާ އާޅިއަށް ވެފައިވާއިރު، 130 އަށް ވުރެ ގިނަ އާއިލާ ވަނީ ހާލުގައި ޖެހިފައެވެ. އަދި އެ އާއިލާތަކަށް ވަގުތީ ބޯހިޔާ ވެހިކަމާއި އެމްއެންޑީއެފާއި، ފުލުހުންނާއި، ސިޓީ ކައުންސިލްގެ އިތުރުން ޑިޒާސްޓާ މެނޭޖްމަންޓް އަދި އާންމުންގެ ފަރާތުން އެތައް އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ.