ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖަޕާނުގެ މެރިޓައިމް ޑިޒާސްޓާ ޕްރިވެންޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި ކަނޑުމަތީގެ ހާދިސާތަކުން ދުރާލާ ރައްކާތެރިކަން ހޯދުމާއި އެފަދަ ކަންކަމަށް ތައްޔާރުވުމާ ބެހޭ ދާއިރާއިން ޖަޕާނުން ހޯދާފައިވާ ކުރިއެރުންތަކާބެހޭ މައުލޫމާތު ހޯއްދަވައިފިއެވެ.
ރައީސް ސޯލިހްގެ ދެކަނބަލުން މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ޖަޕާނުގެ ޔޮކޮސުކާގައި ހުންނަ މެރިޓައިމް ޑިޒާސްޓާ ޕްރިވެންޝަން ސެންޓަރަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އެ ސެންޓަރުގެ ރައީސް ނަޖަޖްމާ ސަޓޯޝީއެވެ. އަދި އެސެންޓަރުގައި ތަމްރީނު ފުރިހަމަ ކުރަމުންދާ އެމްއެންޑީއެފްގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެމީހުންގެ ތަމްރީނާގުޅޭ މައުލޫމާތު ރައީސް ސޯލިހް އޮޅުންފިލުއްވިއެވެ.
މެރިޓައިމް ޑިޒާސްޓާ ޕްރިވެންޝަން ސެންޓަރުގައި ހިންގޭ ތަމްރީނު ޕްރޮގްރާމުތަކުގެ ތެރޭގައި ތެއު ލީކުވުންފަދަ ހާދިސާތައް ކޮންޓްރޯލް ކުރުމާއި އަލިފާން ނިއްވުމާ އަދި ވިހަ މާއްދާތައް ލީކްވެ ފެތުރިގެންދާ ޙާލަތުގައި އެފަދަ މާއްދާތަކުން ރައްކާތެރިކަން ހޯދުންފަދަ ވަރަށް ފުރިހަމަ ތަމްރީނު ޕްރޮގްރާމުތައް ހިމެނެއެވެ.
ރައީސް ސޯލިހްގެ މި ޒިޔާރަތުގައި އޮއިލް ސްޕިލް ކޮންޓްރޯލް ޓްރެއިނިން ސްޓޭޝަން އަދި އައްސޭރިފަށް ސާފުކުރުމުގެ ތަމްރީނުތައް ކުރިޔަށްގެންދާ ސަރަހައްދަށް ވެސް ޒިޔާރަތްކުރެއްވިއެވެ. މިޒިޔާރަތުގައި މެރިޓައިމް ޑިޒާސްޓާ ޕްރިވެންޝަން ސެންޓަރުން ކުރިޔަށްގެންދާ ތަމްރީނުތަކާ ބެހޭ މައުލޫމާތު އެ ސެންޓަރުން ވަނީ ރައީސް ސޯލިހަށް އަރުވާފައެވެ.
މިއަހަރުގެ ކުރީކޮޅު ޖަޕާނު ސަރުކާރުން ވަނީ އަލިފާން ނިއްވުމަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި 2018 ވަނަ އަހަރު އެގައުމުން ވަނީ ތެޔޮ ލީކުވުން ފަދަ ހާދިސާތައް ކޮންޓްރޯލުކުރުމަށް ބޭނުންވާ ބައެއް ސާމާނު ވެސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. ކާރިސާތަކުން ރައްކާތެރިވުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ޖަޕާނުން އަންނަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން މާލެ ވަށައިގެން ލާފައިވާ ތޮށްޓަކީ ވެސް މިދާއިރާއިން ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެހީއެކެވެ.