މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި ކަމެކޭ ކިޔާފައި، އެކަމުން ރެކެވެން ނެތް ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ އެންމެހާ މީހުންގެ ނަންތަކާއި، ގޮތް ނޭނގޭ ގޮތަށް ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީސްމީހުންގެ މައްސަލަތަކުގައި އެކި ގޮތްގޮތުން ޝާމިލުވެފައިވާ މީހުންގެ ނަންތައް ހާމަކޮށް، އެ ފަރާތްތަކާ މެދު ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މިއަދުގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

އީވާ ވިދާޅުވީ، ބޮޑު ހިޔާނާތަކީ، ޔާމީން ސަރުކާރުގައި ހިނިގި ކަމެކޭ ކިޔައި، ޔާމީނާ ދިމާލަށް އަދި ޔާމީނުގެ ވަޒީރުންނަށާއި، މަޖިލިސް މެންބަރުންނަށް އެކަނި އިނގިލި ދިއްކޮށްގެން މިކަމުން ރެކެވެން ނެތް ކަމަށާއި، ޒިންމާއިން ބަރީއަ ވުމަށް އަދި އަމިއްލަ ނަފްސަށް އޮޅުވާލެވެން ވެސް ނެތް ކަމަށެވެ. އީވާ ވިދާޅުވީ، މިއަދުގެ ސަރުކާރުގެ ތެރޭގައި، ދައުލަތުގެ ވަޒީފާއެއްގައި އެ ހިޔާނާތުގައި ޖެހިފައި ތިބި މީހުން ނުވަތަ ގޮތް ނޭނގޭ މަރެއްގައި އަތެއް ދިއްކޮށްލާފައި ހުރި މީހަކު ހުރި ނަމަ، އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ މި ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ޒިންމާއެއް ކަމަށެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް / ފޮޓޯ: މަޖިލިސް

އީވާ ވިދާޅުވީ، ހިޔާނާތުގައި ބައިވެރިވި މީހުންނާއި، ގޮތްނޭނގޭ މަރުތަކުގެ މައްސަލަތަކުގައި ޝާމިލުވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި، އިއްޔެގެ ސަރުކާރެއް، މިއަދުގެ ސަރުކާރެއް އަދި ކޮން މަގާމެއްގައި ހުރި މީހެއްތޯ ނުވަތަ މިކަމުގެ ސަބަބުން ދިރިއުޅުމަށް އަންނަނީ ކޮން ކަހަލަ އުނދަގުލެއްތޯ ބެލުމެއް ނެތި ޒިންމާ އަދާކުރަން ޖެހޭ ކަމަށެވެ. އަދި މިކަމުގައި ރައްޓެއްސެއް، ޕާޓީއެއް، ކޯލިޝަނަށް ބަލައިގެން ނުވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް އައިސް ޕީޖީ އެހެން ވިދާޅުވީމަ، ދެން އެއީ މި މަޖިލީހުގެ ޒިންމާއެއް އެކަން ބެލުން. އެއީ ޕީޖީ ވިދާޅުނުވާ ވާހަކައެއް ކަމަށް، ނުހިނގާ ކަމަކަށް ހަދައިގެން ދެނެއް ނުތިބެވޭނެ.
އީވާ

މި ސަރުކާރުގައި ތިބި ބޮޑު ހިޔާނާތުގައި މަންފާ ލިބުނު މީހުން ނަންތައް ހާމަ ކުރަން ޖެހޭ ކަން ފާހަގަ ކުރައްވާ އީވާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލް، އައިޝަތު ބިޝާމް ފުލުހުންނާއި، އޭސީސީ، ޕީޖީ އަދި ރިޔާސީ ކޮމިޝަނަކާ ގުޅިގެން ތަހުގީގު ކުރަމުންދާ މި ހިޔާނާތުގެ މައްސަލާގައި، އޭގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި، މިއަދުގެ ސަރުކާރުގެ ކެބިނެޓުގެ ބައެއް ވަޒީރުންނާއި، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަދި މިއަދުގެ ކޯޓުތަކުގެ ބައެއް ފަނޑިޔާރުން އެބަތިއްބޭ ވިދާޅުވުމުން އެކަން ބެލުމަކީ ދެން މަޖިލީހުގެ ކަމެއް ކަމަށެވެ. އަދި ޕީޖީ އެހެން ވިދާޅުވުމުން، އެއީ ޕީޖީ ވިދާޅުނުވާ ވާހަކައެއް ކަމަށް، ނުހިނގާ ކަމަކަށް ހަދައިގެން ދެނެއް ނުތިބެވޭނެ ކަމަށް އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން އީވާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ގާނޫނު ހަދައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންނެވީ ރިޔާސީ ދެ ކޮމިޝަނެއް ކަމަށާއި، އެއީ ހިޔާނާތް ބަލާ ކޮމިޝަނަކާއި، ގޮތްނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނެއް ކަމަށެވެ. އަދި ކޮމިޝަން އެކުލަވާލައި، ގާނޫނެއް ހަދައި އެކަންކަން މުހިންމުވީ ސަބަބަކީ، ވައްކަމާއި މަރުތަކުގައި އަދި ދިވެހިން ސީރިއާއަށް ފޮނުވުމުގައި ދައުލަތުގެ 'އަތެއް އުޅެތީ' ކަމަށެވެ. އީވާ ވިދާޅުވީ، މިކަންކަން ނުބެލޭ ނަމަ، މި ސަރުކާރުން ވެސް އަދި ދެން އަންނަ ސަރުކާރަކުން ވެސް މިކަންކަމަށް އިންސާފު ލިބޭނެ ކަމެއް ނުވަތަ މިކަންކަން ނުކުރާނެ ކަމުގެ ޔަގީން ކަން ރައްޔިތުންނަށް ނެތް ކަމަށެވެ.