އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ މީހުންގެ ނަންތައް ހާމަ ކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ އެންމެހާ މީހުންގެ ނަންތަކާއި، ގޮތް ނޭނގޭ ގޮތަށް ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީސްމީހުންގެ މައްސަލަތަކުގައި އެކި ގޮތްގޮތުން ޝާމިލުވެފައިވާ މީހުންގެ ނަންތައް ހާމަކޮށް، އެ ފަރާތްތަކާ މެދު ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލާ މިއަދުގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

މި ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތީ، ހާޒިރު ތިއްބެވި 47 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 42 މެންބަރުންގެ އިއްތިފާގުންނެވެ.

އެގޮތުން، ލަތީފް ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަދި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ރައްޔިތުންގެ އަގުލަބިއްޔަތު ތާއިދުކޮށް، ވޯޓުދިން އެންމެ މުހިންމު ސަބަބަކީ ދައުލަތުގެ ހަޒާނާއިން ވައްކަން ކުރި މީހުންނާއި އެކަމުގައި ބައިވެރިވި މީހުން ދެނެގަނެ، އެމީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމާއި، ގޮތްނޭނގޭ ގޮތަށް ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލުވާ މީހުން ދެނެގަނެ، އެމީހުންނާ ދޭތެރޭ ފިޔަވަޅު އެޅުން ކަމަށެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ހަސަން ލަތީފް ވަނީ، އެމްއެމްޕީއާރްސީގެ ވައްކަމާއި ހިޔާނާތުގެ މައްސަލާގައި ޝާމިލުވާ މީހުންގެ ތެރޭގައި ދައުލަތުގެ ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހުގެ އަދި އެނޫނަސް ބައިވަރު ފަރާތްތަކެއް ހިމެނޭ ކަމަށް ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލް ވެސް ވިދާޅުވެފައިވާ ކަން ފާހަގަ ކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ބޮޑު ހިޔާނާތުގައި ބައިވެރިވެރިފައިވާ ފަރާތްތަކަކީ ކޮބާކަން ދެނެގަތުމަށް ދިވެހި ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށާއި، އެ ފަރާތްތަކުގެ ތަހުގީގު ހިންގާ އިންސާފު ގާއިމް ކުރުމަށް އަބަދުމެ ދިވެހި ރައްޔިތުން އެދެމުންދާ ކަމަށެވެ. އަދި ގޮތްނޭނގޭ ގޮތަށް ގެއްލުވާލާފައިވާ އަދި މަރާލާފައިވާ މީސްމީހުންގެ މައްސަލަތަކުގައި އެކި ގޮތް ގޮތުން ޝާމިލުވާ ފަރާތްތަކަކީ ކޮބާކަން ދެނެގަނެ، އެމީހުންގެ މައްޗަށް ފިޔަވަޅު އެޅުމަށް ވެސް ދިިވެހި ރައްޔިތުން އިންހާއަށް ބޭނުންވެފައި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އެހެނިހެން އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ތުހުމަތު ކުރެވޭ ކަމަށާއި، އެ ފަރާތްތަކާ ގުޅޭގޮތުން ތަހުގީގު ކުރިއަށްދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައި ވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައެވެ. އެ މެންބަރުންގެ ނަންތައް ހާމަ ކުރައްވައިފި ނަމަ، ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބިޝާމް ވިދާޅުވުމާ ގުޅިގެން އެ ކޮމިޓީގެ ބައްދަލުވުން ވަނީ ސިއްރުކޮށްފައިވީ ނަމަވެސް، މި ހިޔާނާތުން މަންފާ ލިބުނު ލިސްޓުގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ހިމެނި ވަޑައިގަންނަވާ ކަމުގެ ތުހުމަތު ކޮށްފައިވެއެވެ.

ހަސަން ލަތީފްގެ އިތުރުން، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވެސް ވަނީ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ. ނަމަވެސް، އެ މައްސަލައަކީ، މި ދައުރުގައި އެއް ފަހަރު ބަލައިގެންފައިވާ މައްސަލައަކަށް ވާތީ ރިޔާސަތުން ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ.