ސަރުކާރުން ބިދޭސީންގެ ކަންކަން ބެލެއްހެއްޓުމަށް ހަވާލުވެ އޮތް އިކޮނޮމިކް މިނިސްޓްރީގައި މުވައްޒަފުންތަކެއް މީދާ ފަހާ ދުވާ ވީޑިއޯއެއް އާންމުވެއްޖެއެވެ. އެ ވީޑީއޯއިން ފެންނަނީ އެތަނުގެ މުވައްޒަފުން މީދަލާ ހަނގުރާމަ ކުރަން ތިއްބައެވެ. އެ މިނިސްޓްރީގެ ލޭބާ ސެކްޝަންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މީދާގެ އުނދަގޫ ބޮޑުވެފައިވާ އިރު އެ ވީޑީއޯއިން މުވައްޒަފުން ތިބީ އެލާޓުގައި ކަން އެނގެއެވެ.
އެ ވީޑިއޯއިން ފެނިގެންދަނީ މީދާ ފެނިގެން ބިރުން އޮފީހުގައި އެވަގުތު މަސައްކަތުގައި ތިބި ހުރިހާ މުވައްޒަފުން ކޮޅަށް ތެދުވެ ހުށިޔާރު ވެގެން ތިބޭ މަންޒަރެވެ. މީދާ ފެނޭތޯ ބަލަން އެތަނުން އެއް މުވައްޒަފަކު އެތާ ހުންނަ ޑަސްބިނެއްގައި ފައިން ކޮއްޓާލާ އިރު އެތަނުން މުއައްޒަފެއް "އޭތި މަރެއް ނުވާނޭ" ބުނާ އަޑު ސާފުކޮށް އިވެއެވެ.
ޑަސްޓްބިން ހުރި ދިމާލުގައި ބަހައްޓާފައި ހުރި ފެން ކޫލަރުގައި ހިފާ ގުޑުވާލާ އިރު، ފިރިހެން މުވައްޒަފެން އަތަށް ފެންފުޅިއެއް ލައިގެން މީދަލަށް ހަމަލާ ދޭން ތައްޔާރަށް ހުންނަ މަންޒަރު ފެނެއެވެ. ދެން ފެނިގެން ދަނީ ކުޑަ މީދަލެއް އެދިމާލުން ނުކުންނަ ތަނެވެ. އެއާއެކު އެ ވީޑީއޯއިން ބައެއް މުވައްޒަފުން ހަޅޭއްލަވާ އަޑު ގަދަވެގެން ދެއެވެ. ފެންފުޅި ހިފައިގެން ހުންނަ މީހާ އަތުގައި އޮތް ފުޅިން މީދަލުގައި ޖަހަން ހޫރާލާ ތަންވެސް ފެނެއެވެ.
އެ ވީޑިއޯއިން ފެންނަނީ ކުޑަ މީދަލެކެވެ. ނަމަވެސް އެސޮރު ވަރަށް ހަލުވިކޮށް މުވައްޒަފުން ދޭން އުޅުނު ހަމަލާއިން ސަލާމަތްވެގެން ރެކިގެން ދާތަން ފެނެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ލޭބާ ސެކްޝަންގެ މުވައްޒަފުން ވަނީ ތަނުގެ ހާލަތުވެސް ބަޔާންކޮށްފައެވެ. އެތަނުގައި އެމީހުންނާއެކު 5 ކުޑަ މީދަލާއި 2 ބޮޑު މީދާ އުޅޭ ކަމަށް ބުނެފައި ވެއެވެ. އެމީހުން ބުނެފައި ވަނީ މި ހާލަތުގައި އެތަނުގައި މަސައްކަތް ކުރަން ވަރަށް އުނދަގޫ ކަމަށެވެ. ނުތާހިރުކަން ފާހަގަކުރަން ނޫޅޭ ކަމަށް ބުނަމުން މުވައްޒަފަކު ބުނެފައި ވަނީ، މިވަގުތު އެތަނުގެ މުވައްޒަފުން ރަސްމީ ދުވަސްތަކުގައި ގިނަ ވަގުތު މަސައްކަތް ކުރަން ޖެހޭ ކަމަށާއި ބަންދު ދުވަސްތަކުގައި ވެސް މަސައްކަތް ކުރަން ޖެހޭ އިރު އެތަނުގައި މީދާ އުޅޭ މައްސަލައަށް ކޮންމެވެސް ހައްލެއް ހޯދައި ދިނުމަށް އެދި ޕެސްޓް ކޮންޓްރޯލަށް އަންގައިގެން މަސައްކަތް ކުރަމުން ދާ ކަމަށެވެ.
ތަނުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ ނަމުގައި އެކަމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ނުވަތަ އެ ނޫން އެހެން ގޮތެއް ހަމަޖައްސައި ދިނުމަށް އޭނާ އެދެއެވެ.
މީގެ ދެ މަސް ކުރިން އައިޖީއެމްއެޗް ލެބޯޓްރީގައި މީދަލެއް އުޅޭ ވީޑިއޯއެއްވެސް ވަނީ ވައިރަލް ވެފައެވެ.