ގުޅީފަޅު ބިން ހިއްކުމަށް ބޭރުގެ ކުންފުންޏަކަށް ދިން އަގު ބޮޑުވެގެން ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ އިރު ހުޅުމާލެ ފޭސް 2 ހިއްކި އިރު އެ މަޝްރޫއަށް ހަރަދުވީ އަގު މާ ބޮޑުކަން ހާމަވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ، އެމްޓީސީސީއަށް ގުޅީފަޅުގެ މަޝްރޫއު ހަވާލުކުރި ނަމަ މަހާޖައްރާފާ ބޭނުންކޮށްގެން އެންމެ ގިނަވެގެން 37 މިލިއަން ޑޮލަރަށް ބިން ހިއްކާ ނިންމޭނެ ކަމަށާއި 7 މިލިއަން ޑޮލަަރަށް ތޮށިލާ ނިންމޭނެ ކަމަށެވެ. އެންމެ ގިނަވެގެން ޖުމްލަ 44 މިލިއަން ޑޮލަރަށް މި މަޝްރޫއު ނިންމޭނެ ކަމަށާއި އަދި އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރުމުން ފައިސާ ލިބޭނީ ދިވެހި ރައްޔިތުންނަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ހަވާލު ކުރީ ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލް ކުންފުންޏަށެވެ. ތެދެކެވެ. އޭރު މަހާ ޖައްރާފާ ދުނިޔެއަކަށް ނާދެއެވެ. އަދި ހުޅުމާލެއިން 240 ހެކްޓަރުގެ ބިން ހިއްކާފައި ވަނީ 50 މިލިއަން ޑޮލަރަށެވެ. އަދި މަޝަރޫއު އަކީ ވެސް ޖުމްލަ 180 ދުވަސްތެރޭ ނިންމުމަށް އެއްބަސްވި މަޝްރޫއެކެވެ.

ޕްލޭނިންގް މިނިސްޓްރީން ގުޅީފަޅުން 600 ހެކްޓަރުގެ ބިން ހިއްކަނީ 53 މިލިއަން ޑޮލަރަށެވެ. މިއީ ހުޅުމާލެ ފޭސް 2 އަށް ވުރެ 360 ހެކްޓަރު ބޮޑު ބިމެކެވެ. ސައިޒާއި އަގު އަޅާ ކިޔާލުމުން ބޮޑުތަނުންވެސް ކުޑަކަން އެނގެއެވެ. މި މަޝްރޫއަކީވެސް 180 ދުވަސްތެރޭ ނިންމުމަށް އެ ކުންފުނިން އެއްބަސްވެފައިވާ މަޝްރޫއެކެވެ.

ޕްލޭނިންގް މިނިސްޓްރީން ބިޑަކާ ނުލައި ނެދަލެންޑްސްގެ ކުންފުންޏަކަށް ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހަވާލުކުރުމުން ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. މިއީ ފާޑުކިޔަން ރަނގަޅު ކަމެކެވެ. ބިޑަށް ނުލައި އެކަން ކުރީ، އެހާ ބޮޑު ސަރަހައްދެއް ހިއްކުމަށް ދާނެ ހަރަދާއި ވަގުތަށް ބަލާފައިވާ ކަމަށް ސަރުކާރުން ބުންޏަސް، ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ކޮރަޕްޝަން ވަދެފައި އޮތް މިންވަރުން އެ ޕްރޮޖެކްޓުންވެސް ބައި ނާޅާނެ ކަމުގެ ޔަގީންކަމެއް ރައްޔިތުންނަށް އޮތް ކަމަކަށް ނުދެންނެވޭނެއެވެ.

މަހާ ޖައްރާފަކީ އެމްޓީސީސީން 36 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ތައްޔާރުކުރި ޑްރެޖަރެކެވެ. ޑްރެޖަރުގެ މަސައްކަތަށް ދައްކަން ޖެހުނު 11 މިލިޔަން ޑޮލަރުގެ އެޑްވާންސް ޕޭމަންޓް ދެއްކީ، ސުން ފަސެންޓް އިންޓަރެސްޓްގައި ކޮންވާޓަބަލް ލޯނެއްގެ ގޮތުގައި ސަރުކާރުން ދޫކުރި ލޯނަކުންނެވެ. އެގޮތުން މަހާ ޖައްރާފް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 2017، އޮކްޓޯބަރު 29 ވަނަ ދުވަހުއެވެ.

އެމްޓީސީން ބުނެފައި ވަނީ، މި ޑްރެޖަރަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ޑްރެޖަރެކެވެ. ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސުވާލު އުފައްދަންވީ، މަހާޖައްރާފާ ބަނދެގެން ގެނައި ބޭނުމާ ދޭތެރޭގައެވެ. އެ ބޮޑު ކޮންނަ ބޯޓު ގެނައީ ރާއްޖޭގައި ހިއްކަން ހުރި ހުރިހާތަނެއް ހިއްކާށެވެ. ޔަގީނުންވެސް ގަބޫލު ކުރަންޖެހެނީ، ރާޢްޖޭގައި އަތްފޯރާ ފަށުގައި އޮތް ކޮންނަ ބޯޓާ، މުވައްޒަފުންނާއި އެހެނިހެން ރިސޯސަސް އާ އަޅާ ކިޔާނަމަ، ރާއްޖެއިން ބޭނުން ކޮންނަ ބޯޓާ މުވައްޒަފުންނާ ސަޕޯޓު ސްޓާފުން ގެނައިމާ އަގު ބޮޑުވާނެ ކަމެވެ. ދެން އެހެންވިއްޔާ ބިޑަކާ ނުލައި ދިނުމުން ސުވާލު އުފެދޭ ނޫންތޯއެވެ.