ކޮރަޕްޝަންގެ މައްސަލައިގައި މޯލްޑިވް ގޭހުގެ ބޭފުޅުންނާއި މިއަދުވެސް ބައްދަލުކުރަން ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީން ނިންމައިފިއެވެ.

އެސްއޯއީން ބުނީ މި ބައްދަލު ވުމަކީ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އިން ރާއްޖެއިން ބޭރުން ގޭސް ގަތުމުގައި ކޮރަޕްޝަން އަށް މަގުފަހިވާ ގޮތަށް ކަންތަށް ތަކެއް ހިނގާ ކަމަށް މައުލޫމާތު ލިބިފައި ވާތީ އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މޯލްޑިވް ގޭސް ގެ ބޭފުޅުންނާއި ބައްދަލު ކުރެއްވުމަށް ބާއްވާ ބައްދަލު ވުމެއް ކަމަށެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު 14:00 ގައެވެ.

މިމަހުގެ އަށް ވަނަ ދުވަހު މި މައްސަލަ ވަނީ ކޮމިޓީން ބަލާފައެވެ. އޭރު މި މައްސަލަ ބަލާފައި ވަނީ އެ ކޮމިޓީއަށް ލިބުނު ސިއްރު ސިޓީއަކާ ގުޅިގެން މޯލްޑިވް ގޭހުން ރާއްޖެއިން ގޭސް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތު ކުރެވިފައި ވާތީއެވެ.

އެ ބައްދަލުވުމުގައި ކޮމިޓީން ވަނީ މޯލްޑިވް ގޭހުގެ އިސްވެރިން ކޮމިޓީ އަށް ހާޒިރު ކުރުމަށް ނިންމާފައެވެ. އަދި ސަޕްލަޔަރު ބަދަލު ކުރުމަށް މޯލްޑިވް ގޭހަށް އެންގުމަށް ވެސް ވަނީ ނިންމާފައެވެ.

އަދި މިމަހުގެ 16 ވަނަ ދުވަހު މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު، ޝަޒައިލް ސިޔާމް ވަނީ ސަސްޕެންޑްކޮށްފައެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ޝަޒައިލްއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާތަކަކީ ސައްހަ މައުލޫމާތުތަކެއް ކަމަށް ބެލެވޭތީ އެކަންކަން ތަހުގީގުކޮށް ނިމެންދެން އޭނާ ސަސްޕެންޑް ކުރީ ކަމަށެވެ.

ޝަޒައިލް ކުރެއްވި ޓްވީޓެއްގައި ވަނީ، އޭނާ އާ މެދު ހުށަހަޅާފައި ވާ ތުހުމަތުތަށް ބަލައި ނިމެންދެން ސަސަޕެންޑު ކުރުމަށް ނިންމި ނިންމުމަށް އިހުތިރާމުކޮށް މަރުހަބާ ވިދާޅުވާ ކަމަށާއި ކުންފުނި ހިންގަވާފައިވާ ގޮތް ހިސާބުތަކުން ފެންނަން ހުންނާނެ ކަމަށެވެ.