ބޭރު ގައުމުތަކަށް ކުރައްވާ ދަތުރުފުޅު ތަކުގެ އެންމެ މުހިންމު ބޭނުންފުޅަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެގައުމުތަކުން ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ދެކަނބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖަޕާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި، ރައީސް ސޯލިހް ވަނީ ޖަޕާނުން ރާއްޖޭގެ ތަރައްގީއަށް ވެދޭ ދީލަތި އެހީތެރިކަން ފާހަގަ ކުރައްވައި ޖަޕާނުގެ ސަރުކާރާ ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

ރައީށް ސޯލިހް ވަނީ ވަކިން ހާއްސަކޮށް ރާއްޖޭގެ ތައުލީމީ ދާއިރާއަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް، ޖަޕާނުގެ ވަރަށް ގިނަ އެހީތަކެއް މިހާރުވެސް ލިބެމުންދާކަން ރައީސް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. ރައީސް ސޯލިހްގެ ވާހަކަފުޅުގައި ޖަޕާނާ ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ބަދަހިގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކަމާއެކު ކުރިޔަށްގެންދިއުމުގައި އެގައުމުގައި ދިރިއުޅޭ ދިވެހިންގެ ދައުރު ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި މިދަތުރުފުޅުގެ މުހިންމު އެއް ބޭނުންފުޅަކީ ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން، އާލާކޮށް ކުރިއެރުވުންކަމުގައި ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖަޕާނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ ތެރއިން / ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހް މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ގާނޫނުއަސާސީން ލިބިދީފައިވާ މިނިވަންކަމާއި ހައްގުތައް ވެސް ކަނޑައެޅިފައި އޮންނަނީ، އެބައެއްގެ މެދުގައި ސުލަހަވެރިކަމާއި ހަމަޖެހުން ގާއިމުކުރުމުގެ މައްޗަށްކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އާންމު މަސްލަހަތު ނުގެއްލޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހިފުމަށް ވެސް ރައީސް ސޯލިހެ ވަނީ އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް ކޮންމެ ފަރާތަކުން ވެސް މިކަންކަން ހަނދާނުގައި ބަހައްޓަން ޖެހޭކަމާއި ކުދިން ތަރުބިއްޔަތު ކުރުމުގައި ވެސް މިކަންކަމަށް އިސްކަންދިނުމުގެ މުހިންމުކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.