ޓެރަރިޒަމް ހުއްޓުވުމަށް ޖަޕާނު ސަރުކާރުން ރާއްޖެއަށް 500 މިލިއަން ޖަޕާނު ޔެން (70.9 މިލިއަން ރުފިޔާ)ގެ އެހީއެއް ދީފިއެވެ.

ޖަޕާން ނަން-ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ކައުންޓާ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކޮށްފައި ވަނީ މިއަދެވެ. މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގެ ދަށުން 70 މިލިއަން ރުފިޔާގެ ހިލޭ އެހީ ޖަޕާން ސަރުކާރުން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހާ އެކްސަލަންސީ މިސް ކެއިކޮ ޔަނާއީއެވެ.

މީގެ އިތުރުން ޝާހިދު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު މޮޓޭގީ ޓޮޝިމިޓްސު އާ ވެސް މިއަދު ބައްދަލު ކުރައްވާފައެވެ. އެ ބައްދަލު ކުރެއްވުމުގައި، އެ ގައުމުގެ ތަހުތަށް އާ އެމްޕެރާ އިސްކުރުމުގެ މުނާސަބާއާ ގުޅިގެން މިނިސްޓަރު ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި މޮޓޭގީ، ފޮރިން މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރުމުން އެކަމަށް ވެސް މިނިސްޓަރު ޝާހިދު މަރުހަބާ ވިދާޅުވިއެވެ. އަދި މި މަހު ކުރީކޮޅު ޖަޕާނަށް އެރި ތޫފާނުގައި އެ ގައުމަށް ލިބުނު ގެއްލުންތަކާ ގުޅިގެން ހިތާމަ ކުރައްވާ، ދިވެހި ރައްޔިތުންގެ ފަރާތުން ތައުޒިޔާ ވެސް ދެންނެވިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޖަޕާނުގެ ފޮރިން މިނިސްޓަރު މޮޓޭގީ ޓޮޝިމިޓްސު / ފޮޓޯ: ފޮރިން މިނިސްޓަރީ

މި ބައްދަލުކުރެއްވުމުގައި ޖަޕާނާ ރާއްޖޭގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނާއި، ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީގައި ދެ ގައުމުގެ ގުޅުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެެއްވިއެވެ. އަދި ހަމައެހެންމެ ސަރަހައްދީ އަދި ބައިނަލްއަގްވާމީ މައިދާނުގައި، ދެ ގައުމުގެ ގުޅުން އިތުރު ކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިނިސްޓަރު ޝާހިދު ވަނީ ޒަމާނުއްސުރެ ޖަޕާނުން ރާއްޖޭގެ ތަރައްގީއަށް، ހާއްސަކޮށް މަސްވެރިކަމާއި ތިމާވެށްޓާއި ތައުލީމީ ދާއިރާ ތަރައްގީ ކުރުމަށާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ވެދީފައިވާ އެހީ ފާހަގަކުރައްވައި ޖަޕާނަށް ޝުކުރު އަދާކުރައްވާފައެވެ.

ފޮރިން މިނިސްޓަރު ޝާހިދު ޖަޕާނަށް ވަޑައިގެންނެވީ، ޖަޕާން ސަރުކާރުގެ ދައުވަތަކަށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޖަފާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައެވެ.