ޖަޕާނަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަ ކުރުމަށް ޖަޕާނުގެ ބޮޑުވަޒީރާއި ރައީސް މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ޖަޕާނަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކުރުމަށް ޖަޕާނުގެ ބޮޑުވަޒީރާއި މަޝްވަރާކުރައްވާފައި ވަނީ ރައީސްގެ ދެކަނބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. އަދި މި ދަތުރުފުޅުގައި ރައީސް ވަނީ ޖަޕާނުގެ ބޮޑުވަޒީރު، ޝިންޒޯ އާބޭ މިއަދު ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވޭތުވެދިޔަ ދިގު މާޒީގައި ޖަޕާނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޖަޕާނު ސަރުކާރާ ރައްޔިތުންނަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި ޖަޕާނުން ރާއްޖެއާ މެދު ގެންގުޅުއްވާ ރަހުމަތްތެރި ގުޅުން ފާހަގަކުރައްވާ އެގުޅުން އެގޮތުގައި ކުރިމަގުގައި ވެސް ދެމި އޮންނާނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ވަނީ ޖަޕާނަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކުރުމާއި ގުޅޭގޮތުންނާއި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އިތުރުކުރުމާ ގުޅޭގޮތުން ވެސް ޖަޕާނުގެ ބޮޑުވަޒީރާ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ޖަޕާނުގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ރައީސް ޖަޕާނަށް ދަތުރުފުޅެއް ކުރެއްވީތީ ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ގައުމުތަކުގެ ތެރެއިން، ޖަޕާނަށް ވަރަށް މުހިންމު ބައިވެރިއެއްކަން ބޮޑު ވަޒީރު ގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ ރާއްޖޭގެ އުމުރާނީ ތަރައްގީއާ މާލީ ދާއިރާ އަދި ސަލާމަތީ ދާއިރާފަދަ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން ކުރިމަގުގައި ވެސް ޖަޕާނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގައި ބޮޑުވަޒީރު ގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. އަދި ވިސާގެ ކަންކަން ފަސޭހަކޮށްދިނުމުގައި ވެސް މަސައްކަތް ކޮށްދެއްވާނެކަމުގައި ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ޖަޕާނުގެ ބޮޑުވަޒީރާ ރައީސްގެ މި ބައްދަލުކުރެއްވުމުގައި ދެގައުމުން އިސްކަންދޭ ބައިނަލްއަޤްވާމީ އެކި މައްސަލަތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ. މި ބައްދަލު ކުރެއްވުން އޮތީ ޖަޕާނުގެ ބޮޑުވަޒީރުގެ އޮފީހުގައެވެ.

ރައީސްގެ ދެކަނބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ދެ ލީޑަރުންގެ މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ޒަމާންވީ ބަދަހިގުޅުމާއި މި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ޖަޕާނަކީ ވޭތުވެދިޔަ ދިގު މާޒީގައި ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ޒަމާންވީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެކެވެ. އެގޮތުން އުމުރާނީ ތަރައްގީއާ އިޖުމާއީ އަދި އިގްތިސޯދީ ދާއިރާ އިންވެސް ގިނަގުނަ އެހީތަކެއް ޖަޕާނުން ރާއްޖެއަށް ވެދީފައިވެއެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާއާ ތައުލީމާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއާއި މުވާސަލާތީ ދާއިރާއިން ވެސް އެތައް އެހީތަކެއް ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވާފައިވެއެވެ.

މިބައްދަލު ވުމުގައި ރައީސް ވަނީ ޖަޕާނުގެ ތަހުތަށް އެމްޕެރާ ނަރުހީޓޯ އިސްކުރެއްވުމާ ގުޅިގެން މަރުހަބާ ވިދާޅުވެފައެވެ. ހަމަ އެހެންމެ ނިމިދިޔަ ހަފުތާގެ ތެރޭގައި ޖަޕާނުގެ ކަންޓޯ ސަރަހައްދަށް އެރި ތޫފާން "ހަގިބިސް" ގައި ގެއްލުން ލިބުނު ފަރާތްތަކަށް އެމަނިކުފާނުގެ އިހްލާސްތެރި ހެޔޮދުއާ ރައްދުކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ޖަޕާނުގެ ބޮޑުވަޒީރުގެ ޒައާމަތުގައި ޖަޕާނުގެ ރައްޔިތުންނަށް ކުރިއެރުމާ ފާގަތިކަމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ރައީސް ވަނީ ޖަޕާނުގެ ބޮޑުވަޒީރަށް ދައުވަތު އަރުވާފައެވެ.