ކުރީގެ ސަރުކާރުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން 70 ރަށުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ކުރީ ސަރުކާރުން ފަތުރުވެރިކަމަށް 115 ރަށެއް ވަނީ ދޫކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ ކުރީ ސަރުކާރުން ދޫކޮށްފައިވާ 115 ތަނުގެ ތެރޭގައި ރަށްރަށާއި ފަޅުތައްވެސް ހިމެނޭ ކަމަށެވެ. އެމަނިކުފާނު ވަނީ އެ ރަށްތަކާއި ފަޅުތަކުގެ ތަފްސީލީ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

އަލީ ވަހީދު ވިދާޅުވީ އެ ތަންތަނަކީ ލީސް އެގްރީމަންޓުގެ ދަށުން ކުރީ ސަރުކާރުން ދޫކޮށްފައިވާ ތަންތަން ކަމަށެވެ. އަދި ފަތުރުވެރިކަން ތަރައްގީ ކުރުމަށްޓަކައި އެ 70 ތަނުގައި މަސައްކަތްތަކެއް ކުރެވިފައިވީ ނަމަވެސް އިތުރު އެއްވެސް ކުރިއެރުމެއް އެތަންތަނުން ލިބިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ރިސޯޓު ތަރައްގީ ކުރުމުގެ އިތުރުން ގެސްޓުހައުސްތަކާއި ހޮޓާތައް ތަރައްގީ ކުރުމަށް 21 ބިމެއް ދޫކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ މަހުގެ 17ވަނަ ދުވަހުގެ ކުރިން އެފަދަ ހުރިހާ ތަނެއް ބަލާ ފާސްކުރައްވާނެ ކަމަށެވެ.

"މި ކަމާއި ގުޅިގެން ކައުންސިލްތަކާއި އެއްކޮށް މިހާރު އަޅުގަނޑުމެން މަސައްކަތް އެބަކުރަން ނޮވެމްބަރު 17ގެ ކުރިން އަޅުގަނޑުމެން ބޭނުން ރައްޔިތުންނަށް ސާފުކޮށްދޭން ގާނޫނާއި ހިލާފު އެއްވެސް އެކްޓިވިޓީއެއް ރާއްޖޭގައި ނުހިނގާނެ ކަމަށް" މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބައެއް ރަށްތަކާއި ފަޅުތައް ލީސް އެގްރީމަންޓުތަކާއި ވެސް ނުލާ ދޫކުރުމަށް ކުރީ ސަރުކާރުން އިއުލާނު ކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުން ރިސޯޓު ތަރައްގީކުރުމަށް ދީފައިވާ ރަށްތަކުގައި އެއްވެސް މަސައްކަތެއް ނުކޮށް ރަށްތައް ފަޅުވެ ގެއްލުމެއް ލިބުމުގެ ބަދަލުގައި ރައްޔިތުންނަށް ފައިދާކުރާނެ ގޮތަކަށް އާންމުންނަށް ބޭނުންކުރެވޭ ގޮތަކަށް އުސޫލު ހެދުމަކީ މުހިއްމުކަމެއް ކަމަށެވެ.