ވަޅިއަކުން ބިރުދައްކައިގެން މީހެއްގެ އަތުން ފޭރެން މަސައްކަތްކޮށްފިއެވެ.

ފުލުހުން ބުނީ، މާފަންނު ޝަހީދު އަލީ ހިނގުން ކައިރިން ބިދޭސީއަކަށް ވަޅިއަކުން ބިރުދައްކައިގެން ފޭރެން އުޅުނު މައްސަލައެއް މިއަދު މެންދުރު 12:02 ހާއިރު ފުލުހަށް ރިޕޯޓު ކޮށްފައި ވާކަމަށެވެ. މި ބިދޭސީ މީހާގެ ކަނާއަތުގެ ކުޑަވާތް އިނގިއްޔާއި ބުރަކަށްޓަށް ކޮންމެވެސް ވަރަކަށް ޒަހަމްވެފައި ވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މަންޒަރުދުއް މީހަކު ބުނި ގޮތުގައި ވަޅިން ބިރުދައްކައިގެން ހަމަލާދެން މަސައްކަތް ކޮށްފައި ވަނީ މާފަންނު ޗާންދަލިޔާ ކައިރިންނެވެ. އޭނާ އިތުރަށް ބުނެފައި ވަނީ ހަމަލާ ދިން މީހުން ތިބީ މޫނު ނިވާ ކޮށްގެން ކަމަށާއި އެމީހުން މަސައްކަތް ކުރީ ބިދޭސީ މީހާގެ ދަބަސް ފޭރިގަންނަން ކަމަށެވެ. އެ ބިދޭސީ މީހާ އަކީ ފިހާރަ ތަކަށް ވިޔަފާރީގެ އުސޫލުން ރީލޯޑު ޓޮޕްއަޕް ކޮށްދޭ މީހެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިމައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދާ ކަމަށް ބުނެފައި ވެއެވެ.

މިފަހަކަށް އައިސް ފޭރުމާއި ވައްކަމުގެ މައްސަލަތައް ގިނަކަމަށާއި ވަކިން މާލެ ސިޓީގައި ފޭރުން ފަދަ މައްސަލަތައް ގިނަ ކަމަށް ފުލުހުން ބުނެއެވެ.

ދާދި ފަހުން ބަންގްލަދޭޝް މީހަކު ރަހީނު ކޮށްގެން ފައިސާތަކެއް ފޭރިގަންނަން މަސައްކަތް ކުރި ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފައި ވާއިރު އިތުރު އެހެން ހާދިސާއެއްގައި ބަންގްލަދޭޝް މީހަކު ރަހީނު ކުރި މައްސަލައެއް ވަނީ ފެންމަތި ވެފައެވެ.