"ސޭފް ޒޯން"ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުން ކުރުދީ ހަނގުރާމަވެރިން ނުފައިބައިފިނަމަ އަންގާރަ ދުވަހުގެ ހަވީރު، އަނެއްކާވެސް ސޫރިޔާއަށް އަސްކަރީ ހަމަލާ ދޭން ފަށާނެ ކަމުގެ އިންޒާރު، ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން ދެއްވައިފިއެވެ.

ސޫރިޔާގެ އިރުއުތުރުގެ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންދާ ކުރުދީ ހަނގުރާމަވެރިން ބަލިކޮށް ސޭފް ޒޯނުން އެމީހުން ބޭލުމުގެ ނަމުގައި ތުރުކީވިލާތުން ސޫރިޔާގައި ނުރައްކާތެރި އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވަނިކޮށް އެމެރިކާ މެދުވެރިއެއްގެ ގޮތުގައި އޮވެގެން ހަމަލާ ބަދަލު ކުރުން 5 ދުވަހުގެ މުއްދަތަކަށް ހުއްޓާލުމަށް ތުރުކީވިލާތުން އެއްބަސްވީ ހުކުރު ދުވަހުއެވެ. މިއީ ސޫރިޔާގެ އިރުއުތުރުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިން، ތުރުކިވިލާތުން ކަނޑައަޅާފައިވާ "ސޭފް ޒޯނު" ދޫކޮށް ދިއުމަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ޚަބަރު ލިބެއެވެ.

އިސްތަންބޫލްގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ، ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ކަނޑައަޅާފައިވާ 120 ގަޑިއިރު ހަމަވާއިރު، ސޭފް ޒޯއިން ކުރުދީން ނުފައިބާ ތިބިނަމަ ތުރުކީވިލާތުގެ އަސްކަރީ އޮޕަރޭޝަން އަނެއްކާވެސް ފެށޭނެ ކަމަށެވެ. ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް، އެސަރަހައްދުގައު ތުރުކީވިލާތުގެ އަސްކަރީ ފައުޖުތައް ހަރަކާތްތެރިވަމުންދާނެ ކަމަށާ، އެއީ އެސަރަހައްދުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވެސް އުރުދުޣާން ވަނީ ވިދާޅުވެފައެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނާ ގޮތުގައި ހަމަލާ މެދުކަނޑާލުމަށް އެއްބަސްވުމެއް އެކުލަވާލި ފަހުންވެސް ތުރުކީވިލާތުގެ ހަމަލާތަކެއް ސޫރިޔާއަށް ވަނީ އަމާޒުވެފައެވެ. އަދި ހުކުރު ދުވަހުގެ ހަމަނުޖެހުންތަކުގައި އާންމު ރައްޔިތުންގެ 5 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށްވެސް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް ވަނީ ބުނެފައެވެ.

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް (ކ) ތުރުކީވިލާތުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ފޮޓޯ: ޕޮލިޓިކޯ

ތުރުކީވިލާތުން ފާހަގަކޮށްފައިވާ ސޭފް ޒޯން ސަރަހައްދަކީ ދިގުމިނުގައި 444 ކިލޯމީޓަރުގެ ރާސްތާއަކަށް ދެމިގެންދާ ސަރަހައްދެކެވެ. މިއީ ތުރުކީވިލާތާ ސޫރިޔާ ހިއްސާކުރާ ސަރަހައްދީ އިން ކައިރީގައި އޮންނަ ސަރަހައްދަކަށްވާއިރު، މިއީ ހަނގުރާމަވެރިން ބޭލުމަށްފަހު ހަމަލާ ބަދަލު ކުރުން މަނާކޮށް، ސޫރިޔާގެ ރެފިއުޖީން އަނބުރާ ވަޒަންވެރިކުރުމަށް ހުސްކުރާ ސަރަހައްދެއް ކަމަށް ބެލެވެއެވެ.

ތުރުކީވިލާތުގެ އަސްކަރިއްޔާއިން ސޫރިޔާގައި ހަމަލާދޭން ފެށުމަށް ސޫރިޔާއަށް ވަންނުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ސޫރިޔާއަށް އަމާޒުކޮށް ތުރުކީވިލާތުން ހަމަލާތައް ދޭން ފެށީ ކުރުދީ ހަނގުރާމަވެރިން ބަލިކޮށް، ތުރުކީވިލާތަށް ކުރިމަތިވެފައިވާ ސޫރިޔާގެ ރެފިއުޖީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށްވާއިރު، މިކަމަށް ބައިނަލްއަގުވާމީ ބާރުތަކުން ފާޑުކިއަމުންދާނަމަ ވިލާތު ބައްރަށް ރެފިއުޖީންތައް ފޮނުވާލަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ތުރުކީވިލާތުންވަނީ ދީފައެވެ.