ވަކި ބަޔަކާ ޒާތީވެ ޖައްސާލައިގެން އުޅެން ނުވިސްނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވީޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީ ހަރަކާތްތެރިކޮށް ނޫޅެނީ ނޫން ކަމަށާއި، ހަގީގަތުގައި އެ ޕާޓީން ކުރާ މަސައްކަތަަކީ މާ ބޮޑަށް 'އާންދޮގޭ' ކިޔައިގެން ކުރާ މަސައްކަތެއް ނޫން ކަމަށެވެ. ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ މެދު މިންވަރެއްގައި ހިފަހައްޓައިގެން ރައްޔިތުންނަށް ފައިދާއާއި މަންފާ ލިބޭ ގޮތަށް ކަންތައްތަކެއް ކުރަމުން ދާ ޕާޓިއެއް ކަމަށެވެ.
ވަކި ބަޔަކާ ޒާތީވެ ޖައްސާލައިގެން އުޅުމުގެ ބަދަލުގައި މެދު މިންވަރެއްގައި ކުރާ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް ގާސިމް ވިދާޅުވިއެވެ. އެގޮތުން ގައުމު ކުރިއެރުވުމަށާއި، ގައުމުގެ ހެވާއި ލާބައާއި އިންސާނިއްޔަތަށާއި ގައުމުގެ އިގްތިސޯދާއި އިޖުތިމާއީ އަދި ސިއްހީ ދާއިރާތައް ކުރިއެރުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، މިއަދު އިސްލާހުތަކެއް ގެންނަން ޖެހޭ ކަން ދަނެގެން މިހާރު މިގެންނަ އިސްލާހުތައް ގެނައުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ގައުމު އަދި އިތުރަށް ކުރިއަށް ގެންގޮސް އިތުރަށް ހަރުދަނާކޮށް ކަންތައްތައް ކުރެއްވުމަށް ބޭނުންވެލައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ. މީގެ އިތުރުން 'ސަބަބެއް މެދުވެރިވެގެން' ބައެއް ކަންކަން ހިނގާ ކަމަށާއި ސަބަބުގައި ހިފައިގެން، އެ ކަމެއް ވެ ނިމިދިއުމުގެ ކުރިން ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ކާބަފައިން މިހާ ހިސާބަށް ގައުމު ގެނެސްދިން ގޮތަށް، އަންނަން އޮތް ޖީލަށް މި ގައުމު އަމާނާތްތެރިކަމާއެކު ރައްދުކޮށް ދިނުމަކީ ވާޖިބެއް ކަމުގައި ގާސިމް ވިދާޅުވިއެވެ.
މިހާރުވެސް ސަރުކާރުން ވަރަށް ރަނގަޅު ކަންތައްތަކެއް ކުރާކަން ފާހަގަ ކުރައްވާ ގާސިމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވިސްނުންތެރިކަމާއި ކެތްތެރިކަމާ އެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން، އޭނާއަށް ވެސް އަދި ރައްޔިތުންނަށްވެސް އެންމެ ފަހި ގޮތްތަކަށް ރައީސް ސޯލިހު ކަންތައްތައް ކުރައްވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ ކުރިންވެސް ގާސިމް ވާހަކަ ދައްކަވަމުން ވަނީ މި ސަރުކާރަށް ތައުރީފު ކުރައްވައިފައެވެ. އެގޮތުން މި ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށާއި ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ވެސް ބަދަލުކުުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި ރައީސް ސޯލިހުގެ ސަރުކާރުން ފެންނަނީ ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށާއި ޖޭޕީގެ ފުރިހަމަ ތާއީދު ސަރުކާރަށް އޮންނާނެ ކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ.