މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އުވާލަން ގޮވަމުންދާ އަޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިވިވަޑައިނުގަންނަވަނީ ތޯ ގާނޫނީ ވަކީލު އާދަމް ޝަމީމް ސުވާލު އުފައްދަވައިފިއެވެ.

ޝަމީމް ވިދާޅުވީ، މުޅި ގައުމު އެމްޑީއެން އާ ދެކޮޅަށް ނިކުމެ އެ ޖަމިއްޔާ އުވާލުމަށް އެދި ގޮވަމުން ދާ ކަމަށެވެ. އަދި އެ އަޑު ރައީސް ސޯލިހަށް އިވިވަޑައިނުގަންނަވަނީ ތޯ އައްސަވާ ސުވާލު އުފައްދަވައެެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ލޯޔަރު ޝަމީމް ވިދާލުވީ، ކޮންމެ މީހަކުވެސް ފަރުދީ ލެވެލްގައި އެމްޑީއެންއާ ދެކޮޅަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، މުޅި ދިވެހި ރައްޔިތުން އެކަމާ ދެކޮޅަށް އަޑު އުފުލާފައިފި ކަމަށެވެ. އިތުރަށް އިއްވާނެ އަޑެއް ނެތް ކަމަށް ވިދާޅުވަމުން ޝަހީމް ވިދާޅުވީ، ދިމާވެގެން އުޅެނީ އަޑު ނީވުމުގެ މައްސަލައެއް ނޫން ކަމަށާއި، މައްސަލަ އަކީ އަޑު ނޭހުމުގެ މައްސަލަ ކަމަށެވެ. އަދި މި ސަރުކާރަށް ރައްޔިތުންގެ އަޑު ނީވޭ ކަމަށް ވެސް ޝާމީމް ވިދާޅުވިއެވެ.

"ކޮންމެ މީހަކުވެސް ފަރުދީ ލެވެލް ގައި މަސައްކަތް އެބަ ކުރޭ އެމްޑީއެންއާ ދެކޮޅަށް. މުޅީ ދިވެހިރާއްޛޭގެ ރައްޔިތުން އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލައިފި. މީގައި މިއުޅެނީ އަޑު އިވުމުގެ މައްސަލައެއް ނޫން. އަޑު ނޭހުމުގެ މައްސަލަ. މި ސަރުކާރަށް ރައްޔިތުންގެ އަޑެއް ނީވޭ."
ލޯޔަރު އާދަމް ޝަމީމް

އާދަމް ޝަމީމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުުށުގެ ދައުވާގައި ވަކާލާތު ކުރަން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ލޯޔަރެކެވެ. ހަމައެއާއެކު ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގައި ދީދީގެ ފަރާތުން ވަކާލާތުކުރި ލޯޔަރުންގެ ޓީމުގައި ވެސް ޝަމީމް ހިމެނެއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ޔޫތު މިނިސްޓްރީން ވަނީ އެ ޖަމިއްޔާ ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އަދިވެސް އެމްޑިއެން އުވާލަން ގޮވާލާ މީހުންގެ އަޑުތައް ކެނޑޭ ގޮތެއް ނުވެއެވެ. މުޅި ސޯޝަލް މީޑިއާގައި އާންމު ރައްޔިތުންގެ އިތުރުން ދީނީ އިލްމުވެރިންނާއި ބައެއް ބޭފުޅުން ގެންދަވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ. "ބޭން އެމްޑީއެން" ގެ ނަމުގައި އެކި ފަރާތްތައް ޝުއޫރު ފާޅުކުރަމުންދާ އިރު ސަރުކާރުން މިކަމަށް ފިޔަވަޅު އެޅުމުގައި ލަސްވަމުން ދާތީ އެކަމާ ގިނަ ބަޔަކު މިހާރުވެސް ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.