އިގުތިސޯދު ހީނަރުވެ އިނދަޖެހިފައިވާ ދަނޑިވަޅެއްގައި، އިތުރު ޓެކްސްތަކެއް ތައާރަފުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް، ލުބްނާނުގެ އެތައް ސަތޭކަ ރައްޔިތަކު މަގުމައްޗަށް ނިކުމެ މުޒާހަރާކުރަން ފަށައިފިއެވެ.

ކުރިއަށް އޮތް 2020 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތައިގެން ލުބްނާނުގެ ސަރުކާރުން ކުރިއަށްދާ މިދަނޑިވަޅުގައި، އާ ޓެކްސްތަކެއް ތައާރަފުކުރުމަށް އެގައުމުން ދަނީ ވިސްނަމުންނެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ ތަކެއްޗާ، ގެސޮލީންގެ އިތުރުން ވަޓްސް އެޕް ފަދަ ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުންކުރާ ފަރާތްތަކުގެ އަތުން ޓެކުހެއް ނެގުމަށް ލުބްނާނުގެ ސަރުކާރުންވަނީ ހުށަހަޅާފައެވެ.

"އިންގިލާބަށް" ގޮވާލަމުން ލުބްނާނުގެ ރައްޔިތުން މުޒާހަރާ ކުރަމުންދަނީ ލުބްނާނު ސަރުކާރުގެ މައި އިދާރާއާއި ގާނޫނު ހަދާ މަޖިލީހުގެ މައި އިދާރާ ހުންނަ ވެރިރަށް ބެއިރޫތުގެގައެވެ. މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ ރަޔަޓް ފުލުހުންވެސް މަގުތަކަށް ނެރެފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ލުބްނާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރިއަށްދާ ވަރުގަދަ މުޒާހަރާގެ މައިދާނުން/ފޮޓޯ: އަންވަރު އަމްރު

ލުބްނާނުގެ ދައުލަތުގެ މީޑިއާކަމަށްވާ ނޭޝަނަލް ނިއުސް އޭޖެންސީ (އެންއެންއޭ)އިން ރިޕޯޓްކުރި ގޮތުގައި، އޮފިޝަލެއްގެ ބޮޑީގާޑަކު ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ބަޑިޖަހާފައެވެ. ބޮޑީގާޑު މިކަން ކޮށްފައިވަނީ، އޮފިޝަލަކު ދަތުރުކުރައްވަމުން ގެންދެވި ގާފިލާއަށް މުޒާހަރާގެ ބައިވެރިންގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެގެން ކަމަށްވެސް އެންއެންއޭއިން ބުނެއެވެ.

ލުބްނާނުގައި ހޫނުވަމުންދާ މުޒާހަރާތަކާ ގުޅިގެން އެއްވެސް މީހެއްގެ ފުރާނަ ގެއްލުނު ކަމެއް ނުވަތަ އެނޫންވެސް ހިތާމަވެރި ހާދިސާއެއް ހިނގިކަމުގެ ރިޕޯޓެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

ވެރިރަށް ބެއިރޫތުގެ އިތުރުން އެހެން ހިސާބުތަކަށްވެސް މުޒާހަރާގެ ބައިވެރިން ފެތުރިފައިވާކަމަށް މައުލޫމާތު ލިބެއެވެ. މުޒާހަރާގެ ބައިވެރިން ގޮވަމުންދަނީ 2011 ވަނަ އަހަރުގެ އަރަބި ބަހާރުގައިވެސް ބޭނުންކުރި ޝިއާރު ކަމަށް ޚަބަރު ލިބެއެވެ. އެގޮތުން ސަރުކާރު ވައްޓާލުމުގެ ރޫހެއް، މުޒާހަރާގެ ބައިވެރިންގެ މެދުގައި އުފެދިފައިވާކަމަށް މެދުއިރުމަތީގެ ޚަބަރުތައް ބުނެއެވެ. ސަރުކާރަކީ ރައްޔިތުން އިންތިހާބުކޮށް ބާރު ދިން ސަރުކާރެއް ކަމަށާ، ސަރުކާރުގެ ކިބައިން އެ ބާރުތައް އަތުލާނީވެސް ރައްޔިތުން ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވަމުންނެވެ.