ސޫރިޔާގެ އިރު އުތުރުގެ ސަރަހައްދުތަކުގައި ބޮޑު ކޮންޓްރޯލެއް އޮންނަ ކުރުދީންގެ ބާރު ކަނޑުވާލުމުގެ ނަމުގައި މީގެ ހަފުތާއެއް ކުރިން ތުރުކީވިލާތުން ސޫރިޔާގައި ހިންގަން ފެށި ވަރުގަދަ އަސްކަރީ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލާ، ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް ތުރުކީވިލާތުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ކުރުދީ ހަނގުރާމަވެރިންގެ ފައުޖުތައް ފައިބަން ފުރުސަތު ދިނުމުގެ ގޮތުން ހަމަލާ ދިނުން މެދުކަނޑާލުމަށް ތުރުކިވިލާތުން އެއްބަސްވުމަކަށް އައިސްފައި މިވަނީ، އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްއާއި ތުރުކިވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާންއާއި ދެމެދު، ތުރުކިވިލާތުގެ ވެރިރަށް އަންކާރާގައި ކުރިއަށްގެންދެވި ހާއްސަ މަޝްވަރާތަކަކަށް ފަހުގައެވެ.

ޕެންސް ވިދާޅުވީ ހަމަލާ ބަދަލުކުރުން 5 ދުވަހަށް މެދުކަނޑާލުމަށް ތުރުކީވިލާޓުން އެއްބަސްވެފައިވާ ކަމަށާ، ތުރުކީވިލާތުން ރައްކާތެރިކަމުގެ ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުން ކުރުދީ ހަނގުރާމަވެރިން ބޭލުމަށް އެމެރިކާގެ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

ކަންމިހެން އޮންނަމަވެސް، ކުރުދީ ހަނގުރާމަވެރިންގެ ފައުޖުތަކުން މި އެއްބަސްވުމާ އެއްގޮތަށް އަމަލުކުރާނެ ކަމާ މެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރުދީ ފައުޖުތަކުގެ ކޮމާންޑާރު މަޒްލޫމް ކުބާނީ ވަނީ، ރަސް -އަލްއައީންއާއި ތާލް އަބްޔާދްއާއި ދެމެދު އޮތް ސަރަހައްދުގައި މި އެއްބަސްވުން ތަންފީޒު ކުރާނެ ކަމަށް ބުނެފައެވެ. މި ސަރަހައްދަކީ، ފާއިތުވީ ދުވަސްތަކުގައި އެންމެ ވަރުގަދަ ކުރިމަތިލުންތައް ހިންގި ސަރަހައްދުވެސްމެއެވެ.

ސޫރިޔާގެ މަސްރަހު ވިލަރެސް ކުރަމުންދާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ، ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލާ އެއްބަސްވުމެއް އެކުލަވާލާ، އެކަން ބަލައިގެންފައި ވީ ނަމަވެސް، ރަސް -އަލްއައީންގައި ހަމަލާތައް ދެމުން ގޮސްފައިވާކަމަށެވެ.

ތުރުކީވިލާތުގެ ހާރިޖީ ވަޒީރު މެވްލޫތު ކާވުސޮގުލޫ ވިދާޅުވީ، ހަމަލާތައް މުޅިން ހުއްޓާލެވޭނީ، ސަލާމަތު ޒޯނުގެ ސަރަހައްދުގައި ތިބި ކުރުދީ ހުރިހާ ހަނގުރާމަވެރިން ފައިބާ ހުސްވުމުން ކަމަށެވެ. މިއީ ވަގުތީ މެދުކަނޑާލުމެއް ކަމަށާ، އެއްބަސްވުމުގެ މާނައަކީ ހަމަލާ ބަދަލު ކުރުން މުޅިން ހުއްޓާލުން ނޫންކަމަށްވެސް ކާވުސޮގުލޫ ވަނީ މީޑިއާއަށް ބަޔާންކޮށްދެއްވާފައެވެ.

ތުރުކީވިލާތުން އިސްވެ ފެށި އަސްކަރީ އޮޕަރޭޝަނަށް 8 ދުވަސް ފާއިތުވެގެން ދިޔައިރު، އާންމު ރައްޔިތުންގެ 70 އަށްވުރެ ގިނަ މީޙުންގެ ފުރާނަ ގެއްލި، 3 ލައްކައަށްވުރެ ގިނަ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ.

ތުރުކީވިލާތުގެ އަސްކަރީ އޮޕަރޭޝަނާ ގުޅިގެން އެމެރިކާއިން ވަނީ ތުރުކީވިލާތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފަށާފައެވެ. އަދި ތުރުކީވިލާތުގެ އިގުތިސޯދު އިނދަޖައްސާލާނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވަނީ، އުރުދުޣާންއަށް ދެއްވާފައެވެ.