ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ހޮވަން މަޖިލީހަށް ދެނަމެއް ރައީށް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފިއެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީއާއި ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ދެ ނަމެއް މަޖިލީހަށް މިއަދު ފޮނުވާފައި ވާކަމަށެވެ. އެއީ ގދ. މަޑަވެލި، މޭނާ، މަހާޒު އަލީ ޒާހިރާއި ސ.ހުޅުދޫ، ގޯރަންވިލާ، ފާތިމަތު ދިޔާނާ ސައީދެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން 'ހައިލީ ރިކޮމެންޑް' ކުރާ ދެ ނަމަކީ، ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އަދި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު ކަމަށް ވަނީ ޖޭއެސްސީން ބުނެފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރަނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންތަކަކަށް ބިނާކޮށް އެ މަޖިލީހުން ފާސް ކޮށްގެންނެވެ. ޖޭއެސްސީން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. ދީދީ މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުންނެވެ.