މުސްލިމުންގެ މުޤައްދަސް މަދީނާ ސިޓީ ކައިރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވި ބިދޭސީންގެ އަދަދު 35 އަށް އަރާފައިވާކަމަށް، ސައުދީ އަރަބިއްޔާގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ޕްރައިވެޓް ޗާޓަރު އުސޫލުން ފަސެންޖަރުން އަރުވައިގެން ދަތުރުކުރަމުންދިޔަ ބަހަކާ، ހެވީ ލޯޑު އުޅަނދެއްޖެހިގެން ކަމަށް މަދީނާ ފުލުހުންގެ ތަރުޖަމާނަކާ ހަވާލީ، ސައުދީ ޕްރެސް އޭޖެންސީއިން ބުނެއެވެ.

މި ބަހުގައި ތިބީ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުންދިޔަ އަރަބިންނާ އޭޝިއާ ބައްރަށް ނިސްބަތްވާ ބަޔަކު ކަމަށް ޚަބަރު ލިބެއެވެ. މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކަށް ބަލާއިރު، މުޅި ބަހުގައި ހެން އަލިފާން ހިފާފައިވާއިރު، ބަހުގެ ކުޑަދޮރުތައް ވަނީ ކުދިކުދިވެ ބުރައިގެން ގޮސްފައެވެ.

މައުލުމާތު ލިބޭ ގޮތުގައި މިހާދިސާގައި ޒަހަމްވީ މީހުންނަށް މިހާރު ދަނީ، އަލް-ހަމްނާ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުން ކަމަށް ޚަބަރު ލިބެއެވެ.

ސައުދީ އަރަބިއްޔާގެ ކިންގް ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީއަށް އެތެރެވާ ޙައްޖުވެރިންނަށް ޙާއްސަކޮށްގެން އެގައުމުން ބަހާ ސިމްކާޑާ އިންޓަނެޓް ޕެކޭޖު ހަދިޔާ ކުރަނީ/ފޮޓޯ: އެސްޕީއޭ

ހަމައެކަނި ތެލުގެ ސިނާއަތަށް ބަރޯސާވެގެން އޮތުމުގެ ބަދަލުގައި ސައުދީއިން ދަނީ އެހެނިހެން ގޮތްގޮތުން އެގައުމަށް އާމްދަނީ އިތުރު ކުރުމަށް، އެގައުމުގެ އިގުތިސޯދީ ވިއުގަ ފުޅާކުރަމުންނެވެ. އެގޮތުން، "ދީނީ ފަތުވެރިކަން" ކުރިއެރުވުމަށް ސައުދީއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ހަމަ މިއާއެކު، އަޅުކަން އެދިގެން ސައުދީއަށް ދަތުރުކުރާ ފަރާތްތަކާ ވަޒީފާއަށް ދާ ފަރާތްތަކުގެ އިތުރުން އެހެނިގެން ބޭނުންތަކަށް އެގައުމަށް އެތެރެވާން ބޭނުންވާ ފަރާތްތަކަށް ވިސާ ހަމަޖައްސާދިނުމުގެ މަސައްކަތްތައް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިދިޔަ މަހުގެ ތެރޭގައި ފަށާފައެވެ.