ހަމައެކަނި އަންހެން ފަޅުވެރިން ބައިވެރިވެގެން ޖައްވުތެރޭގައި ހިނގާލައިގެން ކުރިއަށް ގެންދާ ފުރަތަމަ މިޝަން މިހަފުތާއަށް އަވަސްވެއްޖެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ހާމަކޮށްފިއެވެ.
އިންސާނުން ޖައްވަށް ދަތުރުކުރަން ފެށިތާ ބައި ގަރުނު ފަހުން ކުރިއަށް ގެންދާ މި ތާރީހީ ހަރަކާތް އަވަސް ކުރަންޖެހުނީ ފަވާ ސިސްޓަމުގެ ބެޓެރިއަކަށް ދިމާވި މައްސަލައެއް ހައްލުކުރަން ޖެހިގެން ކަމަށް ޚަބަރު ލިބެއެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން މި މިޝަން ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ އަންނަ ހަފުތާގެ ހޯމަ ދުވަހުއެވެ. ނަމަވެސް ބެޓެރިއަށް މައްސަލަތަކެއް ކުރިމަތިވަމުންދާތީ މާދަމާ ނުވަތަ ހުކުރު ދުވަހުގެ ވަގުތެއްގައި އަންހެން ފަޅުވެރިންގެ ޓީމުން ޖައްވު ތެރެއަށް ނިކުންނާނެ ކަމަށް ނާސާއިން މައުލޫމާތު ދެއެވެ.
ހަމައެކަނި އަންހެނުންގެ ޓީމަކުން ޖައްވު ތެރޭގައި ކުރިއަށް ގެންދާ ޓީމުގައި ހިމެނެނީ ނާސާގެ 2 ފަޅުވެރިއެކެވެ. އެއީ އެސްޓްރޮނޯޓް ކްރިސްޓީނާ ކޯކްއާއި ޖެސިކާ މެއީރްއެވެ. މި ދެ ފަޅުވެރިންނަކީ ޕަވާ ސިސްޓަމްގެ ބެޓެރީ ބަދަލުކުރުމުގެ ޓާސްކް ހަވާލުކޮށްފައި ތިބި 2 ފަޅުވެރިން ކަމުގައި ވީ ނަމަވެސް، މިހާރު އައި ބަދަލާއެކު، މުޅި ސިސްޓަމް އެއްކޮށް ބަދަލުކުރަންޖެހޭ ކަމަށް ނާސާއިން ބުނެއެވެ.
ޖައްވު ތެރޭގައި ހުރި ނާސާގެ ބެޓެރީ ސިސްޓަމަށް ކުރިމަތިވާ މައްސަލަ އަދި މުޅިން ކަށަވަރު ވެފައި ނުވާއިރު، މިއީ ވަރަށް ނާޒުކު މިޝަންއެއް ކަމަށް ނާސާއިން ސިފަކުރެއެވެ. ނަމަވެސް 2 އަންހެން ފަޅުވެރިންނަކީ، މިޝަންގައި ތިބި ފިރިހެން ފަޅުވެރިންނާ އެއްވަރަށް ތަޖުރިބާ ހުރި އަދި ގާބިލު ބައެއްކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ނާސާއިން ވަނީ ބުނެފައެވެ.
1965 ވަނަ އަހަރު އިންސާނަކު އެންމެ ފުރަތަމަ ފަހަރަށް ޖައްވުގައި ހިނގާލި ފަހުން މިހާތަނަށް 227 މީހަކު ވަނީ ޖައްވުގައި ހިނގާފައެވެ. ނަމަވެސް މީގެ ތެރޭގައި ހިމެނެނީ އެންމެ 14 އަންހެނުންނެވެ. މިއީ މެއީރު ޖައްވުގައި ހިނގާ ފުރަތަމަ ފަހަރު ކަމުން، އޭނާ ވާނީ ޖައްވުގައި ހިނގާލުމުގެ ރެކޯޑް އޮންނަ 15 ވަނަ އަންހެން ފަޅުވެރިޔާއަށެވެ.