ކައިވެނި ރޫޅިގެން ދަރިން ބަލަން ތިބޭ އެކަނިވެރި މައިންނާއި ބަފައިންނަށް ގިނަވެގެން 10،000 ރުފިޔާގެ އެލްވަންސެއް ދޭން ސަރުކާރުން ނިންމައިފިއެވެ.
މި އެލަވަންސް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައި ވަނީ، އެކަނި ކުދިން ބަލަހައްޓާ މައިންނާއި ބަފައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް އިސްލާހު ކުރުމަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސަސްއިން ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
މީގެ ކުރިން އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާގެ މަގުން ކަމަށް ވީއިރު ގިނަވެގެން އޭރު ދީފައި ވަނީ 3000 ރުފިޔާއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މައިންބަފައިންނަށް ކުރިން އެހީގެ ގޮތުގައި އެލަވަންސެއް ދޭއިރު އެކަނިވެރި މައިންނާއި ބަފައިނަށް ދޭ އެލަވަންސް އެފަރާތަށް ނުދެއެވެ.
މިއަދު ގެނައި ބަދަލުގައި މަހެއްގެ މައްޗަށް އާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ އަދަދެއްގެ ގޮތުގައި 10،000 ރުފިޔާއަށް ވަނީ ހަމަޖައްސާފައެވެ. މި ގޮތަށް ބަދަލުގެނެސް އެލަވަންސްގެ އަދަދު ބޮޑުކޮށްފައި ވާއިރު، މިހާރުގެ ހާލަތަށް ބަލައި "އިންކަމް ތްރެޝްހޯލްޑް" ކަނޑައަޅާނީ ޖެންޑާ މިނިސްޓްރީން ކަމަށް ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން އެކަނި ކުދިން ބަލަހައްޓާ މައިންނާއި ބަފައިންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ އިތުރުން މި އެލަވަންސް ލިބޭ ގޮތަށް ވަނީ ނިންމަވާފައެވެ.
މިއަދު ވަޒީރުންގެ މަޖިލީހަށް ޖެންޑާއިން ހުށަހެޅި ކަރުދާހަކީ، އެކަނި ކުދިން ބަލަހައްޓާ މަންމައިން އަދި ބަފައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް މިހާރު ހިނގަމުން ދާގޮތުން އެހީ ހައްގުވާ ބައެއް ފަރާތްތައް އިސްތިސްނާ ވަމުން ދާތީ އެކަން އިސްލާހުކޮށް މުރާޖައާ ކުރުމާ މެދު ވަޒީރުންގެ މަޖިލީހުގެ ލަފައެއް ހޯއްދެވުމަށް ހުށަހެޅި ކަރުދާހެކެވެ.
މިއަދު ވަޒީރުންގެ މަޖުލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު ގެންނަން ނިންމި ބަދަލުތަކުގެ ތެރޭގައި، ފަގީރުކަމުގެ ހާލަތު ކަނޑައެޅުމުގައި މިހާރު ބޭނުން ކުރާ މިނިމަމް ޔުނިޓަކީ، "ގޭބިސީ" (އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި އުޅޭ އެންމެން) ކަމަށް ބެލުމުގެ ބަދަލުގައި، ފަގީރުކަމުގެ ހާލަތު ކަނޑައެޅުމުގައި ބަލާ މިނިމަމް ޔުނިޓަކީ، އެކަނި ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަގެ އާއިލާ ކަމުގައި ކަނޑައެޅުމަށް ނިންމެވުން ހިމެނެއެވެ.
ރާއްޖޭގައި އެކަނިވެރި މައިންނާއި ބަފައިން ތިބި ރަސްމީ އަދަދު ސާފުވާގޮތް ވަނީ ނުވެފައެވެ.
އެންމެ ހަލާލުކަން ބޮޑީ ތިމާކުރާ ހަލާލު މަސައްކަތުން ލިބޭ ފައިސާ، މިނޫން މަގުތަކުން ފައިސާ ލިބޭނެ ގޮތް ފަހިކޮށްދިނުމަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ގޮތްތަކާއި ޅިލާފު ކަންކަން
އެކަނި ވެރި މައިންގެ އަދަދު ސިވިލްސަރޓުންނަށް ވުރެ ގިނަ. 2020 ވެގެންދާނީ އެންމެ ވަރިގިނަ އަހަރުގެ ގޮތުގައި، ސަރުކާރުގައި މަސައްކަތް ކުރާ މީހުން އެމީހުންގެ އާއިލާގައި ހުންނަ އެކަނިވެރި ބަފައި ނުވަތަ އެކަނިވެރި މައި ގެ ގާތުގައި ސަލާން ޖަހާ ހިސާބަށް ތިޔަ ސިޔާސަތުގެ ދަށުން ވެއްޓިގެންދާނެ. އަދި ތިޔަ އެލަވަންސްގެ ސަބަބުން ގައުމުގައި ކައިވެނިން ބޭރުން އަނބި ފިރިކަން ކުރާމީހުން އިންތިހާއަށް އިތުރުވާނެ.