އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއްގައި އީރާނަށްވުރެ ބޮޑު ގެއްލުމެއް ލިބޭނީ ސައުދީ އަރަބިއްޔާއަށް ކަމަށް އިނގިރޭސިވިލާތުގައި ހުންނަވާ ސައުދީ އެމްބެސެޑަރު ޕްރިންސް ޚާލިދު ބިން ބަންދާރު ބިން ސުލްތޯން އަލް ސައުދު ވިދާޅުވެއްޖެއެވެ.

އީރާނާ ސައުދީއާއި ދެމެދު ނުތަނަވަސްވެފައިވާ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމްބެސެޑަރު ވިދާޅުވީ މިމައްސަލާގައި ސައުދީއިން ބޭނުންވަނީ، ނުތަވަސްކަން އިތުރުވުމަށް ފުރުސަތު ނުދީ، ތަސައްރަފު ފުދިފައިވާ ގައުމެއްގެ ގޮތުގައި އޮންނަން ކަމަށެވެ.

ސައުދީގެ އެމްބެސެޑަރު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ސައުދީގެ ތެޔޮ ކާރުހާނާތަކަކަށް އަމާޒުކޮށް މީގެ މަހެއްހާ ދުވަސްކުރިން ވަރުގަދަ ހަމަލާތަކެއް އަމާޒުވެ، އެކަމުގެ ފަހަތުގި އޮތީ އީރާނު ކަމަށް ބުނާ ދަނޑިވަޅެއްގައެވެ. އެމެރިކާއާއި ސައުދީއިން މިކަން އީރާނުގެ ބޮލުގައި އަޅުވަމުންދާއިރު، އީރާނުން މިކަމަށް އިންކާރު ކުރަމުންދަނިކޮށް، ސައުދީ އަރަބިއްޔާއާއި ދާދި ކައިރިން ދަތުރުކުރަމުންދިޔަ އީރާނުގެ ޓޭންކަރަކަށް ވަނީ މިސައިލް ހަމަލާތަކެއް އަމާޒުވެފައެވެ.

މިދަނޑިވަޅަކީ ކުރުދީން ބަލިކުރުމުގެ ނަމުގައި ތުރުކީވިލާތުން ސޫރިޔާގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަންތަކެއް ހިންގަމުންދާ ދަނޑިވަޅަކަށްވާއިރު، ސައުދީގެ އެމްބެސެޑަރު ވަނީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން ތުރުކީވިލާތުންވަނީ މެދުއިރުމަތީ އިތުރު ހަނގުރާމަ އެއް ފަށާފައި ކަމަށް ވިދާޅުވެ، ސައުދީ ސަފީރުވަނީ ތުރުކީވިލާތަށް ފާޑުވިދާޅުވެފައެވެ.

ސޫރިޔާގެ އިރު އިތުރުގެ ސަރަހައްދުގައި ތުރުކީވިލާތުން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި އާންމުންގެ ގިނަ ބަޔަކު މަރުވެ، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލި، އައިސިސްއާއި ގުޅުންހުރި ގިނަ ބަޔަކު ފިލާފައިވާއިރު އެމެރިކާއިން މިމައްސަލާގައި ތުރުކީވިލާތާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.