ފުރާނަ ހުއްޓާ ވަޅުލާފައި އޮއްވާ ފެނުނު ކުއްޖަކީ، އަންހެން ދަރިންގެ ސަބަބުން މާލީ ނުތަނަވަސްކަން ކުރިމަތިވާނެކަމަށް އޮންނަ ބޯދާ ގަބޫލުކުރުންތަކަށް ބަރޯސާވާ ބަޔަކު ވަޅުލާފައި އޮތް ކުއްޖެއް ކަމަށް ބެލެވޭ ކަމަށް އިންޑިއާ ފުލުހުން ބުނެފިއެވެ.
މިއީ އަންހެން ކުދިންގެ އާބާދީ އިންތިހާއަށް ދަށްވަމުންދާ އިންޑިއާގައި، އާއިލާތަކުން އަދިވެސް ފިރިހެން ކުދިން ނޫނީ ބޭނުން ނުވާކަން އަންގައިދޭ ހާދިސާއެކެވެ.
ފުރާނަ ހުއްޓާ އަންހެން ކުއްޖަކު ވަޅުލާފައި އޮތް މައްސަލައެއް ފެންމަތިވީ، އަލަށް ވިހޭ ކުއްޖަކު ހޮސްޕިޓަލުގައި މަރުވުމުން، އެ ކުއްޖާ ވަޅުލުމަށް އޭނާގެ މައިންފައިން ސަހަރާއަށް ދިޔަ ހިސާބުންނެވެ. މަރުވި ކުއްޖާ ވަޅުލަން ސަހަރާއަށް ދިޔަ ދެމަފިރިންނަށް، އަންހެން ކުއްޖާ ފެނުނީ އިންޑިއާ މީހުން އާންމުކޮށް ފެން އަޅަން ގެންގުޅޭ ކަހަލަ ޖަޑިއަކަށްލާ، ދެތިން ފޫޓު އަޑީގައި ވަޅުލާފައި އޮއްވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މީޑިއާގައި ނަން ހާމަ ނުކުރުމަށްއެދި ވާހަކަ ދެއްކި ފުލުހުންގެ އޮފިސަރަކު ބުނީ، ސަހަރާއަށް ދިޔަ ދެމަފިރިންނަށް އަންހެން ކުއްޖާ ފެނުނީ، އެމީހުންގެ ދަރިފުޅު ވަޅުލުމަށްޓަކައި ކޮންނަމުންދަނިކޮށް އުދައްޔަކުން ޖާޑިއެއްގައި ޖެހުނު ހިސާބުން ކަމަށެވެ. އަދި އެ ޖާޑީޖެހުމާއެކު ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވެމުންދިޔަ ކަމަށާ، އޭގެ ތެރޭގައި ކުއްޖަކު އޮތްކަން އެނގުނީ އެހާ ހިސާބުން ކަމަށްވެއެވެ.
ކުއްޖާގެ ރުއިމުގެ އަޑުއިވޭތީ، ސަހަރާގެ ގާޑުންގެ ސަމާލުކަމަށް އެކަން ގެނައި ކަމަށާ، އަދި އެކަން ކުރި މީހުން އެ ގާޑުންނަށް ފެނިފައިވާކަމަށްވެސް އޮފިސަރު ބުނެއެވެ.
ފުރާނަ ހުއްޓާ ޖާޑިއަކަށް ލާ ވަޅުލާފައި އޮއްވާ ސަހަރާއިން ނެގި ކުއްޖާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ބެލެވޭ ގޮތުގައި މި ކުއްޖާ ވިހޭތާ އޭރުވަނީ 3 ވަރަކަށް ދުވަސްވެފައެވެ.
އިންޑިއާގައި ޒަމާނުއްސުރެ އޮންނަ ގަދީމީ ބޯދާ ގަބޫލުކުރުންތަކާއެކު އަންހެން ކުއްޖަކު ލިބުމަކީ، ގިނަ އާއިލާތަކުން ދެކޭ ގޮތުގައި ބަދުނަސީބު ހުރި ކަމެކެވެ. އިންޑިއާ ސަރުކާރުން އެންމެ ފަހުން އެކުލަވާލި ތަފާސް ހިސާބުތަކަށް ބަލާއިރު، ބަލިވެ އިނީ އަންހެން ކުއްޖަކަށް ކަން އެނގޭ ހިސާބުން ދަރިވައްޓާލާ މައްސަލައަކީ އިންޑިއާގައި އަދިވެސް އާންމުކޮށް ކުރާ ކަމެކެވެ. ނަމަވެސް މިކަން މިގޮތަށް ކުރުމަކީ އިންޑިއާގެ ގާނޫނުންވެސް މަނާ ކަމެކެވެ.
އިންޑިއާގެ އާބާދީގެ ނިސްބަތަށް ބަލާއިރު 2015-2017 ވަނަ އަހަރާ ދެމެދު ކޮންމެ 1000 ފިރިހެނަކަށް އެގައުމުގެ އާބާދީގައި ވަނީ 896 އަންހެނުންނެވެ. 2013-2015 އަހަރާއި ދެމެދު ހޭދަވި މުއްދަތުގައި މި ނިސްބަތް އޮތީ 900 ގައެވެ.
އިންޑިއާގެ ގާނޫނުތައް ބުނާ ގޮތުން، ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސު، އެ ދަރިފުޅުގެ މައިންބަފައިންނާ ހިއްސާކުރުމަކީ މަނާކަމެކެވެ. ނުވަތަ ބަނޑުގައި އޮތް ދަރިފުޅުގެ ޖިންސު ދެނެގަތުމަށް ޓެސްޓު ކުރުމަކީވެސް މަނާކަމެކެވެ. ދަރިވައްޓާލުމަށް އެބޯޝަން ހަދާދިނުމުގެ ހުއްދަވެސް ދީފައި އޮންނަނީ، ވަކި ދަފުތަރެއްގައި ހިމެނޭ ސިއްހީ ތަޖުރިބާކާރުންތަކަކަށެވެ.