ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން އެކުލަވާލި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަވަން ބޭނުންފުޅުވާ މައިގަނޑު މަގްސަދުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ލާމަރުކަޒީ ގާނޫނަށް މިފަދަ އިސްލާހުތަކެއް ގެންނެވުމުގެ މައިގަނޑު މަގްސަދަކީ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން، ކައުންސިލްތައް ބާރުވެރިކުރުވުމާއި މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުމާއި، ގުދުރަތީ އަދި އުމްރާނީ ވަސީލަތްތަކާ މެދު މާނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު، ރައްޔިތުންނަށް ދިނުމާއި ހިދުމަތްތަކާއި ތަރައްގީގެ ކަންކަން އަވަސް މިނުގައި ކުރިއަށް ގެންދެވުން ކަމުގައެވެ.
މިދިޔަ އޮގަސްޓް މަހު ބޭއްވި "އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް 2019" ހުޅުވުމަށްޓަކައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ، މައި ސަރުކާރުގެ ދަށުގައި މި ރާއްޖޭގެ ރަށްތައް ވަރަށް އެކަހެރިކޮށް، ވަރަށް ނިކަމެތިކޮށް އޮތް އޮތުމަށް، ނިމުމެއް ގެނައުމަށް ވިންސަވާ ކަމަށެވެ. އެގޮތުން، އެކަން އެންމެ ރަނގަޅަށް ކުރެވޭނީ، ސީދާ ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ދީގެން ކަމަށާއި ރައްޔިތުންނާ ގާތުން ވެރިކަން ހިންގިގެން ނޫނީ އެދެވޭ ބަދަލެއް ނުފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސ\ޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލުތަކަށް އާމްދަނީ އިތުރުވާނެ ގޮތްތައް ހިމަނާފައި ވެއެވެ. އެގޮތުން މީހުން ދިރުއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭގޮތަށް ހަމަޖެއްސުމަށްވެސް ވެއެވެ. އަދި 5 މިލިޔަނަށްވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ސެކްޓޯރަލް ގްރާންޓުގެ ގޮތުގައި ރަށު ކައުންސިލުތަކަށް ބަދަލުކުރުމަށް އެ އިސްލާހުގައި ހިމެނެއެވެ.
މީގެއިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަދަލުކުރުމަށްވެސް ގާނޫނަށް ގެނައި އިސްލާހު ތަކުގައި ހިމަނާފައިވެއެވެ. އެގޮތުން ކައުންސިލުތަކުގެ ދައުރު 5 އަހަރަށް ބަދަލުކުރުމާއި ކައުންސިލުތަކުގެ ގޮނޑީގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަކުރުމާއި ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުގެ ރައީސުން ރައްޔިތުންގެ ވޯޓުން އިންތިހާބުކުރާގޮތަށް ހަމަޖެއްސުން ހިމެނެއެވެ.
ގާނޫނަށް ގެންނަ އިސްލާހުގައި ކައުންސިލުތަކުގެ ސަރަހައްދުގެ އިހްތިސޯސްގައިވާ އެންމެހާ ގުދުރަތީ އަދި އުމުރާނީ ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުކުރުމަށް ވެސް ހިމަނާފައި ވެއެވެ.
މި އިސްލާހުގައި ކައުންސިލުތަކަށް، ސެކްރެޓަރީ ޖެނެރަލްގެ މަގާމު އުފެއްދުމާއި ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާ ހަމަޖެއްސުމުގައި ކައުންސިލުގެ ދައުރެއް އޮންނަންޖެހޭނެ ކަމަށް ކަނޑައެޅުން ހިމެނެއެވެ. މީގެއިތުރުން ފެނާ ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް އެކައުންސިލަކުން އަމިއްލައަށް ފޯރުކޮށްދިނުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ފޯރުކޮށްދިނުމަށް އެގްރީމެންޓް ކުރުމުގެ ބާރު ކައުންސިލުތަކަށް ދިނުންވެސް އިސްލާހުގައި ހިމަނާފައި ވެއެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާ އިސްލާހުގައި ކައުންސިލުތައް އިތުރަށް ޒިންމާދާރުކުރުމަށް މާއްދާތައް ހިމަނާފައި ވުމުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސްއޫލިއްޔަތު ބަޔާންކުރުމާއި ކޮމެޓީގެ މެންބަރުންނަށް އެކަށީގެންވާ އުޖޫރައެއް ކަނޑައެޅުން ފަދަ ކަންކަން މި އިސްލާހުގައި ހިމެނެއެވެ.