ސޫރިޔާގެ އިރުއުތުރުގެ ސަރަހައްދުގައި އަޅާފައިވާ ޑިސްޕްލޭސްމަންޓް ކޭމްޕުތަކުގައި ތިބި އައިސިސް ހަނގުރާމަވެރިންގެ އާއިލާތަކަށް ނިސްބަތްވާ 800 އަށްވުރެ ގިނަ މީހުން، އެ ކޭމްޕުތަކުން ފިލައިފާ ވާކަމަށް އެ ސަރަހައްދުގެ ބޮޑު ކޮންޓްރޯލެއް އޮންނަ ކުރުދީންގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

އައިސިސްގެ އާއިލާތައް ފިލާފައިވަނީ ކުރުދީ ހަނގުރާމަވެރިން ބަލިކުރުމުގެ ނަމުގައި ސޫރިޔާގެ އިރުއުތުރުގެ ސަރަހައްދުތަކަށް ތުރުކީވިލާތުން ދޭ ވަރުގަދަ އަސްކަރީ ހަމަލާތަކުގެ ތެރެއިން ކަމަށް ޚަބަރު ލިބެއެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން ތުރުކީވިލާތުން ސޫރިޔާގައި ހިންގަމުންދާ ވަރުގަދަ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ގައިދީންތަކެއްވެސް މިނިވަންވެފައިވާއިރު، އިރުއުތުރުގެ ސަރަހައްދަށް ދޫކޮށް، އެހެން ހިސާބުތަކަށް ބަދަލުވި މީހުންގެ އަދަދު ވަނީ 130000އަށްވުރެ މައްޗަށް އަރާފައެވެ. މި ހަމަލާތައް ފެށިފަހުން މަރުވި އާންމު ރައްޔިތުންގެ އަދަދު މިހާރު ވަނީ 50 އަށްވުރެ މައްޗަށް އަރާފައެވެ.

އައިސިސް ޖަމާއަތުގެ އާއިލީ މެމްބަރުންގެ ގޮތުގައި ތިބި 800 އެއްހާ މީހުން ކޭމްޕުތަކުން ފިލާފައި މިވަނީ، ތުރުކީވިލާތުގެ ހަމަލާތަކަކީ، އައިސިސްއާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ލިބޭނެ އުނިކަމެއް ކަމަށް ބުނެ ކުރުދީންގެ އިތުރުން މުޅި ދުނިޔެވެސް އިންޒާރު ދެމުން ދިޔަ ދަނޑިވަޅެއްގައެވެ.

ސޫރިޔާގެ ކޭމްޕުތަކުގައި ތިބި އައިސިސް އާއިލީ މެމްބަރުންގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސިސް ޖަމާއަތާ ގުޅުން ގިނަ ބަޔަކު ހިމެނޭއިރު، އެ މީހުން އަނބުރާ އެ ގައުމުތަކަށް ގެންދިއުމަށް ގައުމުތަކުން ވަނީ ދެކޮޅު ހަދާފައެވެ. މިފަދަ ދަނޑިވަޅެއްގައި އެ އާއިލާތައް ފިލުމަކީ، އައިސިސްއާއި ގުޅުނު މީހުން ރީހެބިލިޓޭޓް ކުރުމަށް ގައުމުތަކުގެ ސަރުކާރުން ރާވަމުންދިޔަ އުސޫލުތަކާ ރާވަމުންދިޔަ ރޭވުންތަކަށް ބޮޑު ލޮޅުމެއް އަރުވާނެ ކަމެއްގެ އިތުރުން، ގައުމުތަކުގެ ސަލާމަތާ ރައްކާތެރި ކަމަށް ހުރި ނުރައްކަލެއް ކަމުގައި ބެލުމުގެ ފުރުސަތުވެސް އޮތް ކަމެކެވެ.