ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ކުރުމަށް އެކުލަވާލި ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.
ކޮމެޓީން ސިއްރު ކުރަން ނިންމީ އެ ކޮމެޓީއަށް ހާޒިރު ކުރުމަށް ކޮމެޓީން ނިންމާފައިވާ މުއައްސަސާތަކުގެ ބޭފުޅުންގެ ކޮމެޓީ ސިއްރު ކޮށްގެން ކުރިއަށް ގެންދިއުމަށް އެދިފައިވާތީއެވެ.
މިއަދު ކޮމިޓީތަކަށް ހާޒިރުކުރުމަށް ނިންމާފައިވަނީ ހޯމް މިނިސްޓްރީއާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ބޭފުޅުންނާއި އެމްއެންޑީއެފްގެ ބޭފުޅުންނާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން ނެޝަނަލް އިންޓްގްރިޓީ ކޮމިޝަން އަދި ލޯކަލް ގަވަރުމަންޓް އޮޓޯރިޓީގެ ބޭފުޅުންނެވެ.
ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމާފައި ވާއިރު ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މިހާރު އަމަލު ކުރަމުންދާ ފުލުހުންގެ ގާނޫނަކީ 2008 ގައި ތަސްދީގު ކުރެވުނު ގާނޫނެއް ކަމަށާއި އެ ގާނޫނު އިސްލާހު ކުރެވެން ޖެހޭ ކަމަށެވެ. ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ފުލުހުންނަށް ދޭ ބާރުތަކަކީ، އެންމެ ރަނގަޅަށް ބޭނުން ކުރޭތޯ ބެލުމަށް މެކޭނިޒަމެއް ތާރަފް ކުރުން ހިމެނެއެވެ.
ފުލުހުންގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި 7 ދާއިރާއެއް ކަނޑައަޅާ 7 ކޮމިޝަނަރުން ތިބޭ ގޮތް ހެދުންވެސް ހިމެނޭ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ކަމާ ގުޅުންހުރި އެއްވެސް ފަރާތަކުން މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ރައްޔިތުން މަޖިލީހުގެ މި ދައުރުގައި ސަރުކާރުގެ ފަރާތުން އެކަނިވެސް 34 ބިލެއް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ދާދިފަހުން ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލާއި ގާނޫނު އަސާސީގައި ކައުންސިލްތަކުގެ ދައުރު ކަމަށް ބުނެފައިވާ މާއްދާއަށް އިސްލާހު ހުށަހެޅުމުގެ ބިލު ރައީސް އޮފީހަށް ވެސް ފޮނުވާފައެވެ.