މާލޭގެ ސޮނީ ސްޕޯޓްސް ފިހާރައިން ވައްކަންކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ސޮނީ ސްޕޯޓްސް ފިހާރަ ހުންނަ ގޭގެ ދޮރު ހަލާކުކޮށްލައިގެން އެ ފިހާރައިން ބަޔަކު ވައްކަން ކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 4:00 ހާއިރު ކަމަށާއި އެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެސަރަހައްދަށް ގޮސް ސޮނީ ސްޕޯޓްސް ފިހާރަ ހުންނަ ގޭގެ ގްރައުންޑް ފްލޯއިން ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުމުން އެތަނުން އެކަކު ފުލުހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ދެ މީހުންނަށް ފިހާރައިން އެއްވެސް އެއްޗެއް ވަގަށް ނެގިފައި ނުވާ ކަމަށާއި ނަމަވެސް ދޮރު ހަލާކުކޮށްލުމަށް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ އާލާތްތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ދުއްވި ސައިކަލު ޗެކްކުރިއިރު ސައިކަލުގެ ނަން ބޯޑުތަކުގައި ޓޭޕު އަޅާ ފޮރުވާފައި ހުރުމުން ސައިކަލު ބަލައި ފާސްކުރިއިރު އެ ސައިކަލަކީވެސް ވަގަށް ނަގާފައިވާ ސައިކަލެއްކަން ފާހަގަ ކުރެވިފައި ވާ ކަމަށެވެ. އެހެންކަމުން އެ ސައިކަލު ޓޯވް ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.