ދުނިޔޭގެ ފެންވަރުގެ ފިލްމީ ސިނާއަތެއް ސައުދީ އަރަބިއްޔާއިން ގާއިމުކުރުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ހޮލީވުޑްގެ މަޝްހޫރު ގިނަ ފަންނުވެރިންތަކެއް ސައުދީއަށް ދަތުރުކުރަން ފަށައިފިއެވެ.
އެންމެ ޒަމާނީ ފެންވަރުގެ ފިލްމީ ސިނާއަތެއް އުފެއްދުމަށް ސައުދީއިން މަސައްކަތްކުރަމުންދާއިރު، ޖޭސަން މޯމޯއާއި ޖެކީ ޖޭން ފަދަ ތަރިން މިހާރު ތިބީ ސައުދީގައި ކަމަށް ޚަބަރު ލިބެއެވެ. މިއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ތަޖުރިބާކާރު ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ، އިހާނެތި ގޮތަކަށް މަރާލި ފަހުން މި ފަދަ ތަރިންތަކެއް ސައުދީއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބައެއްގެ ލޯބި ހާސިލުކޮށްފައިވާ ގިނަ ތަރިންތަކެއް މިވަގުތު ސައުދީގައި ތިބީ، ސައުދީގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ޖޯއީ ފޯރަމް"ގައި ބައިވެރިވުމަށްޓަކައެވެ. މި ފޯރަމްއަކީ ސައުދީގެ މުނިފޫހިފިލުމުގެ ސިނާއަތުގައި، ބައިނަލްއަގުވާމީ ފަންނުވެރިން ލައްވާ އިންވެސްޓް ކުރުވުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ފޯރަމެއް ކަމަށް ޚަބަރު ލިބެއެވެ.
މިފަދަ ފޯރަމްތަކުގައި ޖޭސަން މޯމޯ ބައިވެރިވަނީ އެންމެ މަދުވެގެން 200000 ޑޮލަރުގެ ފީއަކަށް ކަމަށް ޚަބަރުތައް ބުނެއެވެ.
މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއަރުވަން ސައުދީއިން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ، ހަމައެކަނި ތެލުގެ ސިނާއަތަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުމަށް، ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) ފައްޓަވާފައިވާ 2030 ގެ ތަސައްވުރެގެ ތެރެއިން ސައުދީއަށް ގެންނަމުންދާ "އިންގިލާބީ" ބަދަލުތަކުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތްތަކެކެވެ.