ސޫރިޔާގެ އިރު އުތުރުގެ ސަރަހައްދުގައި ބޮޑު ކޮންޓްރޯލެއް އޮންނަ ކުރުދީ ހަނގުރާމަވެރިން ބަލިކޮށްލުމުގެ ނަމުގައި ތުރުކީވިލާތުން މިދިޔަ ބުދަ ދުވަހު ފެށި އަސްކަރީ އޮޕަރޭޝަންގައި، ސަރަހައްދީ އިމުގެ މުހިންމު އަވަށެއްގެ ކޮންޓްރޯލް ލިބިފައިވާކަމަށް ތުރުކީވިލާތުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ކުރުދީ ހަނގުރާމަވެރިންނަކީ ތުރުކީވިލާތުން ގަބޫލުކުރާ ގޮތުގައި ޓެރަރިސްޓުން ކަމަށްވާއިރު، އެ މީހުން ބަލިކުރުމުގެ ނަމުގައި ތުރުކިވިލާތުން ސޫރިޔާއަށް އަސްކަރީ ހަމަލާތައް ދެމުންދަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ ދެބަސްވުންތަކާ އެކުގައެވެ.

ބައިނަލްއަގުވާމީ ފާޑުކިއުންތަކަށް ގޮންޖަހަމުން ސޫރިޔާއަށް ދެމުންދާ ހަމަލާތަކާ ގުޅޭ ގޮތުން ތުރުކީވިލާތުގެ އަސްކަރިއްޔާއިން ބުނީ، ކުރުދީން އިސްވެ އޮވެ ހިންގާ ސީރިއަން ޑިމޮކްރަޓިކް ފޯސަސް (އެސްޑީއެފް)ގެ ބާރުގެ ދަށުގައި އޮތް ރާސް އަލް-އައިން ސަރަހައްދު، ތުރުކީވިލާތުގެ ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާކަމަށެވެ. ނަމަވެސް އެސްޑީއެފްއިން ވަގުތުން ވަނީ، މިކަން ދޮގުކޮށްފައެވެ. އެސްޑީއެފްއިން ބުނީ ތުރުކީވިލާތަށް ވަދެވުނީ ރަސް އަލް-އައިނު ސަރަހައްދުގެ އަވަށަކަށް ކަމަށާ، ގަޑިއިރުތަކަކަށް ދެމިގެންދިޔަ ވަރުގަދަ ހަމަލާތަކަކަށްފަހު ތުރުކީވިލާތުގެ އަސްކަރިއްޔާއިން އަމިއްލައަށް އެސަރަހައްދުން ފަހަތަށް ޖެހުނު ކަމަށެވެ.

ތުރުކީވިލާތާގެ އަސްކަރިއްޔާއާއި ކުރުދީ ހަނގުރާމަވެރިންނާ ދެމެދު ސޫރިޔާގެ އިރުއުތުރު ސަރަހައްދުތަކުގައި ބަދަލުކުރަމުންދާ ހަމަލާތަކުގައި އާންމު ރައްޔިތުންގެ މީހުންވެސް ހިމެނޭ ގޮތަށް ގިނަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މީގެ އިތުރުން 100000 އަށްވުރެ ގިނަ މީހުންވަނީ އެމީހުންގެ އަމިއްލަ ގެދޮރު ދޫކޮށް ގޮސްފައެވެ. ބައި މިލިއަނެއްހާ މީހުން ނުރައްކަލުގެ ތެރޭގައި ތިބި ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނާއިރު، ބާޒާރުތަކާ، ސްކޫލުތަކުގެ އިތުރުން ހޮސްޕިޓަލުތައްވެސް މި ސަރަހައްދުގައި އޮތީ ބަންދު ކޮށްފައިކަމަށް އދއިން ވަނީ ހާމަކޮށްފައެވެ.