އައްޑޫއަށް ކުރަމުންދާ ވިއްސާރައިގައި ގޭގެއަށް ފެންވަންނަމުން ދިއުމާ ގުޅިގެން އެ އަތޮޅުގެ 140 ގެއަކަށް ފުލުހުން އެހީވެއްޖެއެވެ.

ފުލުހުން ބުނީ، އައްޑޫ ސިތީއަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް ޖުމްލަ 140 ގެއަކަށް އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ. އެއީ ހިތަދޫން 44 ގެއަކާއި، މަރަދޫން 4 ގެއަކާއި، މަރަދޫ-ފޭދުން 12 ގެއަކާއި، ފޭދުން 43 ގެއަކާއި ހުޅުދޫން 10 ގެއެއްގެ އިތުރުން މީދޫން 27 ގެެކެވެ. އަދި މިހަތާނަށް އެހީތެރިކަމަށް އެދިފައިވާ ގެތަކުގެ ތެރެއިން 28 ގެއަކަށް އެހީތެރިކަން ފޯރުކޮށް ނުދެވޭ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އަދި އެގެތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަަމަށް ފުލުހުން ބުނެއެވެ. އަދިވެސް އައްޑޫ ފޭދޫގައި ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީއަށް ވާރޭވެހި އެ އަތޮޅުގެ ހުރިހާ ރަށެއްހެން ފެންބޮޑުވެ ރައްޔިތުން ވަނީ ހާލުގައި ޖެހިފައެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ، ވިއްސާރައިގައި ގޭގެއަށް ލިބިފައިވާ ގެއްލުން ކައުންސިލުން ބަލަމުންދާ ކަމަށެވެ. ވެލި ބަސްތާ ޖެހުމުގެ މަސައްކަތާއި ފެން ހިންދުމުގެ މަސައްކަތުގައި ކައުންސިލަށް އެހީތެރިވުމުގެ ގޮތުން ފުލުހުންނާއި، އެމްއެންޑީއެފާއި، ފެނަކައިގެ އިތުރުން ޕަބްލިކް ވާކްސާއި، ރެޑްކްރެސެންޓް އަދި ކައުންސިލުގެ މުނިސިޕަލް ސާވިސް ޓީމުން މަސައްކަތް ކުރަމްުންދާ ކަމަށެވެ.

ވިއްސާރައިގައި އައްޑޫ ސިޓީން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ފުލުހުންގެ ވަކި ނަންބަރު ތަކަަކަށް ގުޅުމަށް ފުލުހުން އެދިފައި ވެއެވެ. އެހީއަށް އެދޭ ފަރާތްތަށް ގިނަވުމުން އެހީ ފޯރުކޮށްދިނުން ލަސްވެދާނެކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެހީ ހޯދުމަށް ގުޅަން ޖެހޭ ނަންބަރުތަކަކީ:

  • ހިތަދޫ ޕޮލިސް 9791612
  • ހުޅުމީދޫ ޕޮލިސް 9791366
  • ގަން ޕޮލިސް 9792058 / 6898026