ސުނިލް ޝެޓީ އެންބެސަޑަރަކަށް ހެދުމުން އެކަމަށް ގިނަ ބަޔަކު ފާޑުކިޔަމުން ދާތީ ދިވެހިންނަށް ރަނގަޅު އެއްގޮތެއްވެސް ނެތް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ވެހުނަސް ގޯސް" ކަމަށާއި "އަވިދިނަސް ގޯސް" ކަމަށެވެ. ބައެއް ދިވެހިންނަށް ރަނގަޅު އެއްވެސް ގޮތެއް ނެތްކަމީ ދެރަކަމެއް ކަމަށް ޔޫތު މިނިސްޓަރު ވިދާޅުވިއެވެ.
ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށާއި ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ބައްޓަން ކުރުމަށް "މިޝަން ފިޓް މޯލްޑިވްސް" ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތުގެ އެމްބެސަޑަރަކަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ސުނިލް ޝެޓީ ހަމަޖެއްސުމުން އެކަމާ ގިނަ ބަޔަކު ފާޑުކިޔަމުން ދާތީ އެކަމާ ނުރުހުން ފާޅުކުރައްވައި މަހްލޫފް ވަނީ ޓްވީޓެއް ކުރައްވާފައެވެ.
ސުނިލް ޝެޓީއަކީ ވޭތުވެ ދިޔަ 30 އަހަރު ދުވަހު އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ފިޔަ ޖަހަމުންދިޔަ ތަރިއެކެވެ. އަދި މިހާރު އޭނާއަކީ އިންޑިއާގެ އެންމެ ބޮޑު ކަސްރަތުގެ ހަރަކާތް "މިޝަން ފިޓް އިންޑިއާ" ގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްވެސް މެއެވެ. 2018 ގައި އިންޑިއާގައި 120 ދުވަހަށް ދިގުދެމިގެން ދިޔަ ފިޓްނަސް ފެސްޓިވަލް ވަނީ، އެ ގައުމުގެ 43 ސިޓީއެއްގައި ކުރިއަށް ގެންގޮސް ގާތްގަނަޑަކަށް 200 މިލިއަން މީހުން ބައިވެރިވެފައެވެ.
މަހްލޫފް ވިދާޅުވީ، "200 މިލިއަން މީހުންނަށް ބޮޑު ފިޓްނަސް ޕްރޮގްރާމެއް ހިންގާ އޭގެ ތަޖުރިބާގެ އަލީގައި ދިވެހިންނާ ގުޅިގެން ހިލޭ ސާބަހަށް ކަމެއް ކޮށްދޭން އުޅުނަސް ގޯސްވާ" ކަމަށެވެ. މި ޕްރޮގްރާމްގެ ސަަބަބުން "ރާއްޖޭގެ ޓުއަރިޒަމް ވެސް ހިލޭ ޕްރޮމޯޓް ވާނެ" ކަމަށް މަހްލޫފް ވިދާޅުވިއެވެ.
ސުނިލް ޝެޓީއަށް އެމްބެސަޑަރުކަން ދިނުމުން މަޝްހޫރު ފިޓްނަސް ޓްރެއިނާ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) ވަނީ ނުރުހުން ފާޅުކޮށް މަހްލޫފަށް ރައްދުދީފައެވެ. ރާއްޖެއިން ބޭރުގެ ފަރާތަކަށް "މިޝަން ފިޓް މޯލްޑިވްސް" ގެ އެމްބެސަޑަރުކަން ދިނުމަކީ ރާއްޖޭގައި ފިޓްނަސް ދާއިރާގައި މަސައްކަތް ކުރާ ފުންނާބު އުސް ފަރާތްތަކުގެ މޫނުމަތީ ޖެހުން ކަހަލަ ކަމެއް ގޮތުގައި ފާޒިލް ސިފްކޮށްފައި ވެއެވެ. އަދި ފިޓްނަސް ދާއިރާގައި ބުރަ މަސައްކަތް ކޮށްގެން ކުރިއަށް ދާން މަސައްކަތް ކުރާ ފަރާތަތްކުގެ ރޫހު މަރާލުން ފަދަ ކަމެއް ގޮތުގައިވެސް ފާޒިލް އެކަން ސިފަކުރެވެ.
މީގެ އިތުރުން ފާޒިލް ބުނީ، ރާއްޖޭގައި އެ 'އައިކަން' ދެވޭ ވަރުގެ ގާބިލުކަން ހުރި މީހުން އެބަތިބި ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމުން އޭނާ ވަނީ މަހްލޫފް ޓެގްކޮށް އެ މަގާމަށް ގާބިލްކަން ހުރި ދިވެހިން ނެތީތޯ އަހާ ސުވާލު އުފައްދާފައެވެ. މީގެ އިތުރުން މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުން ވެސް ގެންދަނީ ފާޑުކިޔަމުންނެވެ.