ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ރޭ ފަށައިފިއެވެ.

އެ ރަށުގެ ތައުލީމީ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދޭން ފެށުނު ކާޑިއެކް ސެންޓަރުން އެކޯ ކާޑިއޯގްރާމާއި ތްރެޑްމިލް ޓެސްޓިން އަދި ހޯލްޓާ މޮނިޓަރިން ޓެސްޓުތައް ހެދޭނެ ކަމަށް ހެލްތުން ބުނެއެވެ. އަދި އެ ހޮސްޕިޓަލުން 64000 މީހުންނަށް މި ހިދުމަތް ލިބިގެންދާނެ ކަމަށްވެސް ބުނެއެވެ.

އެ މިނިސްޓްރީން ބުނީ، ކުޅުދުއްފުށިން ސްކޭން ހެދޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމުން ސްކޭން ހަދަން މާލެއަށް ދާން ކުރަން ޖެހޭ ހަރަދު ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި 74 ބަލި މީހެއްގެ ކާޑިއޯ ޓެސްޓު އެމެޖެންސީކޮށް ހަދަން ޑޮކްޓަރު އަންގާފައި އޮތްކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އެ ކޮންމެ މީހަކު ޗާޓާ ފްލައިޓެއްގައި މާލެ ދާނަމަ ކޮންމެ ބަލިމީހަކަށް 125،600 ރުފިޔާ ހަރަދުވާނެ ކަމަށާއި، ޝެޑިއުލްޑް ފްލައިޓެއްގައި ނަމަ ކޮންމެ ބަލިމީހަކަށް 14،966 ރުފިޔާ ހަރަދު ވާނެ ނެކަމަށް އެ ހިސާބުތަކުން ދައްކާ ކަމަށެވެ.

މިހާތަނަށް އައި އިރު އެވްރޭޖްކޮށް ދުވާލަކު 305 ބަލިމީހުން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހިދުމަތް ހޯދާކަމަށާއި އަދި ހޮނިހިރު ދުވަހު އެވްރެޖްކޮށް 650 މީހުން ހިދުމަތް ހޯދާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. އެ ހޮސްޕިޓަލުން ހިދުމަތް ހޯދުމަށް ހދ. ހއ. އަދި ށ. އަތުޅުން މީހުން އަންނަ ކަމަށާއި މިވަގުތު އެ ހޮސްޕިޓަލުގައި 28 ޑޮކްޓަރުންނާއި 78 ނަރުހުންނާއި 16 މެޑިކަލް ޕްރެކްޓީޝަނުން ފަރުވާދެމުން ދެއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރުން މި ހިދުމަތް ދޭން ފަށާފައި ވާއިރު، މީ ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ 5 ހޮސްޕިޓަލުގެ މަޝްރޫއުގެ ދަށުން ހިމެނޭ ކަމެކެވެ.