މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނާއި ރަސޫލާއަށް ބަދުބަސް ބުނެ ނެރެފައިވާ ރިޕޯޓުގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައި އިރުވެސް އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއީލް ރަށުގައި ނޫޅުއްވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައި މިވަނީ ސޯޝަލް މީޑިއާގައި ޝަހިންދާ "ފިލައިގެން" ޖަރުމަނަށް ވަޑައިގެންފި ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ. އިއްޔެ ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔައީ ޝަހިންދާ ޖަރުމަނަށް ވަޑައިގެން މިނިވަން ފިކުރުގެ ދަށުން ހިމާޔަތަށް ހުށަހަޅުއްވައިފި ކަމަށާއި ޝަހިިންދާ ފުރުއްވިކަން ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް އެނގޭ ކަމަށް ވެސް ސޯޝަލް މީޑިއާގައި އިއްޔެ އަޑު ފެތުރިގެން ދިޔައެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ އެމްޑީއެންގެ ރިޕޯޓު އެ އިދާރާގެ ސަމާލުކަމަށް އައިއިރުވެސް ޝަހިންދާ ރާއްޖޭގައި ނޫޅުއްވާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އާއްމު ރައްޔިތުން އެ ޖަމިއްޔާ އުވާލުމަށް ގޮވަމުން އަންނަތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށްބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.

އެ ޖަމިއްޔާގެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށް ބުނެފައި ވާއިރު އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފައެވެ. އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ ހިޔާލީ ވާހަކައެއް ކަމަށްވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށް ވަކާލާތު ވެސް ކޮށްފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން މި މައްސަލަ ފުލުހުންނަށް ހުށަހެޅާފައި ވާއިރު ޔޫތު މިނިސްޓްރީން ވަނީ އެމްޑީއެން ސަސްޕެންޑުވެސް ކޮށްފައެވެ. އެ ޖަމިއްޔާ ސަސްޕެންޑު ކުރުމާއި ގުޅިގެން ޝަހިންދާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޖަމިއްޔާ ސަސްޕެންޑު ކުރިއިރު ރިޕޯޓާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތުވެސް ދީފައިނުވާ ކަމަށެވެ. އަދި އެޖަމިއްޔާއާ މެދު ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާ ހިލާފަށް ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެވާހަކަ ދައްކަން ފައްޓައިފި ނަމަ ބައިނަލް އަގުވާމީ މުޖުތަމައުގައި ރައީސް ސޯލިހު ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.