އުޅަނދުން ނިކުމެ ޖައްވު ތެރޭގައި ފުރަތަމަ ފަހަރަށް ހިނގާލުމުގެ ރެކޯޑް ހެދި ރަޝިޔާގެ ކޮސްމޮނޯޓް އެލެކްޒީ ލިއޮނޯފް މަރުވެއްޖެއެވެ.

1965 ވަނަ އަހަރުގެ ތާރީހީ ރެކޯޑް ހޯދި ލިއޮނޯފް، އުމުރުން 85 ފަހަރުގައި މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހުގައި ކަމަށް ޚަބަރު ލިބެއެވެ. ރަޝިޔާގެ ޖައްވީ އިދާރާ ރޮސްކޮސްމޯސް އިން ވަނީ ލިއޮނޯފް މަރުވި ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އެއީ ކީއްވެކަމެއް އެ އިދާރާ އިން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ޖައްވު ތެރޭގައި އެމެރިކާގެ 2 ފަޅުވެރިއަކު ހިނގަމުންދިޔަ މަންޒަރު ލައިވް ކުރަމުންދިޔަ އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިންވެސް ވަނީ، އެ ލައިވް މެދުކަނޑާލުމަށްފަހު ލިއޮނޯފްގެ ހަނދާނަށް ވަގުތު ކޮޅެއް ހުސްކޮށްލާފައެވެ.

ި ރަޝިޔާގެ ކޮސްމޮނޯޓް އެލެކްޒީ ލިއޮނޯފް (ކ) ރަޝިޔާގެ ރައީސް ވްލޭޑިމީރު ޕޫޓިންއާއިއެކުގައި/ފޮޓޯ: އެލެކްޒީ ދުރުޝީނިން

ރަޝިޔާގެ ޖައްވީ އުޅަނދު "ވޮޝްކޯޑް-2"އިން ބޭރަށް ނިކުމެ، ލިއޮނޯފް ވަނީ 12 މިނެޓާ 9 ސިކުންތު ވަންދެން ޖައްވު ތެރޭގައި ހިނގާފައެވެ.

ލިއޮނޯފްގެ މި ތާރީހީ ދަތުރުނާމާ، ފިލްމީ ސިނާއަތާ ލިޔުންތެރިކަމުގެ ދީބުން ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން، ސްޓޭންލީ ކިއުބްރިކްސް ފިލްމް "2001: އަ ސްޕޭސް އޮޑެސީގައި، ލިއޮނޯފް ޖައްވު ތެރޭގައި ނޭވާލަމުންދިޔަ އަސްލު އަޑު ބޭނުންކޮށްފައިވާއިރު، ސައިންސް ފިކްޝަން ވާހަކަތައް ލިޔުނު އާތާ ސީ ކްލާކް ވަނީ އޭނާގެ ފޮތް "2010: އަ ސްޕޭސް އޮޑެސީ"ގައި، ލިއޮނޯފްގެ ނަމުން ޖައްވީ އުޅަނދަކަށް ނަންދީފައެވެ. މީގެ އިތުރުން، 1965 ވަނަ އަހަރުގެ ތާރީހީ މިޝަންގެ ފަހްރެއްގެ ގޮތުގައި 2017 ވަނަ އަހަރު އުފެއްދި ރަޝިޔާ ފިލްމް "ދަ ސްޕޭސްވޯކާ"ގައި ކޮންސަލްޓެއްގެ ގޮތުގައި ލިއޮނޯފް ހަރަކާތްތެރިވިކަން ފާހަގަކުރަންޖެހެއެވެ.

ލިއޮނޯފް މަރުވިއިރު އޭނާގެ އަންހެނުންނާ، އަންހެން ދަރިފުޅުގެ އިތުރުން 2 ކާފަ ދަރިން ދުނިޔޭގައި އެބަތިއްބެވެ. އަސްކަރީ އިއްޒަތުގައި ލިއޮނޯފް ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯގައި، އަންނަ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.