ސޫރިޔާގެ އިރުއުތުރުގެ ސަރަހައްދުތަކަށް އަމާޒުކޮށް ތުރުކީވިލާތުން ދެމުންދާ ހަމަލާތަކުގައި، ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތުގެ ގައިދީންތަކެއް މިނިވަންވެފައިވާކަމަށް، އެ ސަރަހައްދުގެ ބޮޑު ކޮންޓްރޯލެއް އޮންނަ ކުރުދީންނަށް އެއްބާރުލުންދޭ ސީރިއަން ޑިމޮކްރަޓިކް ފޯސަސް (އެސްޑީއެފް)އިން ބުނެފިއެވެ.

ކުރުދީ ހަނގުރާމަވެރިން ބަލިކުރުމުގެ ނަމުގައި މިދިޔަ ބުދަ ދުވަހުން ފަށައިގެން ތުރުކީވިލާތުން ސޫރިޔާއަށް ސީދާ ގޮތުން އަސްކަރީ ހަމަލާތައް ދެމުންދާއިރު، ދުނިޔޭގެ ބޮޑެތި ބާރުތައް ހިމެނޭ ގޮތަށް، އެތައް ގައުމަކުން ދަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

އެސްޑީއެފްގެ ތަރުޖަމާނެއް ކަމަށްވާ މަރުވާން ގަމީޝްލޯ ބުނީ، ގަމީޝްލީ ސިޓީއަށް ތުރުކީވިލާތުން ދިން ހަމަލާ އަމާޒުވީ ގައިދީން ތިބި ސަރަހައްދާ ދާދި ކައިރަށް ކަމަށާ، މި ހަމަލާތަކާ ގުޅިގެން އައިސިސް ޖަމާއަތުގެ 5 ވަރަކަށް ގައިދީން ޖަލުން ނިކުމެފައިވާކަމަށެވެ.

ޚަބަރު ލިބޭ ގޮތުގައި ސޫރިޔާގައި ހަރަކާތްތެރިވި އައިސިސް ޖަމާއަތަށް ނިސްބަތްވާ އަންހެނުން ދަނީ ސޫރިޔާގެ ސަލާމަތީ ބާރުތަކަށް ހަމަލާވެސް ދެމުންނެވެ. ތުރުކީވިލާތުގެ ހަމަލާތައް އަމާޒުވަމުންދާ ސަރަހައްދަކީ އައިސިސްއާއި ގުޅުނު ގިނަ ބަޔަކު ކޭމްޕު ޖަހައިގެން ތިބި ސަރަހައްދަކަށްވާއިރު، ސަރަހައްދުގައި ހަރަކާތްތެރިވާ ސޫރިޔާގެ ސަލާމަތީ ބާރުތަކުގެ އޮފިސަރުންނަށް އައިސިސްގެ އަންހެން މެމްބަރުން ހަމަލާދެމުންދަނީ އޮއްގަލާ ދަނޑިބުރި ފަދަ ތަކެތި ބޭނުންކޮށްގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ބައެއް ޓެންޓުތަކުގައި ހުޅުޖަހާ، ރޯކޮށް ހަދާފައިވާކަމަށްވެސް ގަމީޝްލޯ ވަނީ ބުނެފައެވެ.

ތުރުކީވިލާތުން ހަމަލާތައް ދޭން ފެށި ފަހުން ސޫރިޔާގެ އާންމުން ރައްޔިތުންގެ ތެރެއިން 9 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އދގެ ރެކޯޑްތައް ބުނާ ގޮތުން، މި ހަމަލާތަކާއެކު 100000 އެއްހާ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ.