މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯޓް (އެމްޑީއެން) ގެ ހަރަކާތްތައް ސަރުކާރުން ވަގުތީގޮތުން ހުއްޓުވާލި މައްސަލަ ކުށްވެރިކޮށް ހިއުމަން ރައިޓްސް ވޮޗުން ދިގު ބަޔާނެއް ނެރެފިއެވެ.

އެ ޖަމާއަތުން ނެރުނު ބަޔާނުގައި "ހައްގުތަކަށް ވަކާލާތު ކުރާ ޖަމާއަތަކަށް"، ދީނީ ޖަމާއަތްތަކުން ދޭ ހަމާލާތައް ތަހުގީގު ކޮށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލައިފައެވެ. އަދި ވަގުތުން ވަގުތަށް އެމްޑީއެންއަށް އަލުން ހުއްދަ ދިނުމަށްވެސް އެޖާއަތުގެ ބަޔާނުގައި ގޮވާލައިފައިވެއެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލައްވާނެ ކަމަށް ވިދާޅުވެ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ކެމްޕޭން ވައުދު ފުއްދެވި ގޮތަށް ޑިމޮކްރަސީ ނެޓްވޯކާ ދެކޮޅަށްވެސް މިއޮތީ ވައުދެއް ފުއްދަވާފައި ކަމަށާއި، ދީނީ ގްރޫޕުތަކުގެ 'ޑިމާންޑަށް' އިސްތަށިފުޅު ތިރި ކުރެއްވުން ކުށްވެރި ކޮށްފައި ވެއެވެ.

އަދި އެ އަމަލަކީ ރާއްޖެއިން ސޮއިކޮށްފައި އޮތް "ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް" މުއާހަދާއާވެސް ހިލާފު ކަމެއް ކަމަށާ، ރާއްޖޭގެ ހަމަޖެހުމާއި މަސްލަހަތަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ހުއްޓުވާލުމަކީ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ކުރެވޭނެ ކަމެއް ނޫންކަމަށް އެޗްއާރުޑަބްލިޔު ގެ އެސޯސިއޭޓް އޭޝިއާ ޑައިރެކްޓަރު ޕެޓްރީޝިއާ ގޮސްމަން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އެމްޑީއެންއާ ދެކޮޅަށް ރާއްޖޭގައި ކެމްޕޭނެއް ހިންގަމުން ދަނީ ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކާއެކު އެ ގާނޫނު، ދީނީ ޖަމާއަތްތަކާއި އިދިކޮޅު ފަރާތްތަކާ އަރާ ހަމަކުރާނެތީ ބިރުން ކަމަށްވެސް ބުނެފައިވެއެވެ. އަދި ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ބައެއް އިލްމުވެރިންނަކީ އައިސިސްގެ ފަލްސަފާ ޕްރޮމޯޓު ކުރާ ބައެއް ކަމަށްވެސް އެ ބަޔާނުގައި ތުހުމަތު ކޮށްފައިވެއެވެ.

އެ ބަޔާނުގައި ދިވެހި ސަރުކާރުން ކަން ކުރަންވީ ގޮތްތައް ވަރަށް ބޮޑަށް ކިޔައި ދީފައި ވެއެވެ.

ޤުރުއާނާއި ރަސޫލާއަށް ކުޑައިމީސް ވާ ގޮތަށް އެމްޑީއެން އިން ނެރުނު ބަޔާނުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު ސަރުކާރުން މިހާރު ވަނީ އެމްޑީއެންގެ ހަރަކާތްތައް ހުއްޓުވާފައެވެ.