މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ އިސް ބޭފުޅުން މިއަދު ދިވެހި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި އިރު، އެމީހުންނަށް ދިވެހި ބައިތުލްމާލުން އެއްވެސް މިންވަރެއް ދީގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

"އަންނަނީ އަންނަނީ" މި ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމް އަދި ޕީއެންސީން ބޭއްވި ރެލީއެއްގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މަންމައަކާއި ބައްޕައެއްގެ ދަރިއެއް މުރުތައްދު ވެއްޖެ ކަމަށް ވާނަމަ އިސްލާމީ ޝަރީއަތުގައި އެ ދަރިއަކަށް ތަރިކަ މުދާ ލިބުން ނޯންނަ ކަމަށެވެ. އެހެން ކަމަށް ވާނަމަ ދިވެހި ދައުލަތުގެ މިލްކިއްޔާތުން އަދި ދިވެހިންގެ ބައިތުލްމާލުން ވެސް އެއްވެސް އެއްޗެއް މިއަދުގެ ސަރުކާރުގެ މަގާމުގައި ތިއްބެވި އެމްޑީއެންގެ އިސް ފަރާތްތަކަށް ދީގެން ނުވާނެ ކަމަށެވެ. އެފަރާތްތަކަށް ދިވެހި ބައިތުލްމާލުން ހަރަދު ކުރާ ކަމަށް ވާނަމަ އެ މީހުންނަށް ހަރަދު ކުރަނީ ކޮން އުސޫލަކުންކަން ސަރުކާރުން ހާމަ ކޮށްދޭން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އިއްޔެ އެމްޑީއެންގެ މަގާމުގައި ތިއްބަވާފައި މިއަދު އިސްތިއުފާ ދެއްވިއަސް މިކަމަކުން ނުރެކެވޭނެ. އެއް ޒަމާނެއްގައި އެމްޑީއެންގައި އުޅުނު ނަމަވެސް މިކަމުން ބަރީއަވާކަށް ހަމަ ލާހިކެއް ނޫން،" ޖޯޝާއި ފޯރީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މިކަމުގައި އަމަލު ކުރާ ގޮތުން މިކަމުގައި ނުބައެއް އުޅޭ ކަމަށެވެ. ހާއްސަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ އަމަލު ކުރައްވަމުން ގެންދަވާ ގޮތުން މިކަމުގައި ސިއްރުތަކެއް އުޅޭ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ ކަމެއްގައި އެންމެ ފުރަތަމަ ބަސް ބުނަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެންމެ ފުރަތަމަ މިކަމުގައި ފިޔަވަޅު އެޅުމަށް މުއައްސަސާތަކަށް އަންގަވަން ޖެހިވަޑައިގަންނަވަން ވާނީވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

"އިސްލާމީ ދައުލަތަކާއި ދެކޮޅަށް، އިސްލާމްދީނާއި ދެކޮޅަށް ގޮންޖަހާފައި ނިކުތީމާވެސް އެކަމަށް ވެސް އެބަ ނަގާ 10 ދުވަސް. ޓްރެފިކް މައްސަލައަކަށް ޖަވާބު ދޭންވެސް ސަރުކާރުން އެބަ ނަގާ 10 ދުވަސް. މިއީ ދީނީ މައްސަލައެއް. މިކަަމުގައި ސަރުކާރުން އަވަހަށް ބަސް ބުނަން އެބަޖެހޭ. އަވަހަށް ފިޔަވަޅު އެޅެން އެބަޖެހޭ. އެކަމަކު މިފަދަ މައްސަލައެއްގައި ރައީސުލްޖުމްހޫރިއްޔާ މިހާ ވަނދުވީމަ މިކަމުގައި ސިއްރުތަކެއް އުޅޭކަން އެބަ އެނގޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެހާ ދުވަސް ކުރައްވާފައި ވެސް ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ދެންނެވިހާ ވެސް ވާހަކައަކީ މިކަން ތަހުގީގު ކުރައްވަމުން ގެންދަވާނެ ވާހަކަ ކަމަށެވެ. ނަމަވެސް މިއީ އެއްވެސް ވަރަކަށް ތަހުގީގު ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި ތަހުގީގު ކުރުމުގެ ވާހަކަ ދައްކަނީ އެމްޑީއެންއަށް ފިޔަވަޅު އަޅަން ކެރިވަޑައިނުގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.