ފެންބޮޑުވާތީ މާލޭގެ މަގުތައް އަލުން ހަދަން މާލޭ ސިޓީ ކައުންސިލުން ޕްލޭން ކުރަމުން އަންނަ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތައް އަލުން ހެދުމަށް ޕްލޭން ކޮށްފައިވާ ވާހަކަ އަސްލަމް ވިދާޅުވިއިރު މާލެއަށް ވާރޭ ވެހިއްޖެ ނަމަ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަދެ، މާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗެހި ދުއްވަން އުނދަގޫވާ ހިސާބަށް ދެއެވެ. މިފަދަ ހާޅަތްތަކުގައި އެންއެންޑީއެފްގެ މުވައްޒަފުން ނުކުމެ ފެން ހިންދުމަށް ހަރަކާތްތެރި ވާކަން ފާހަގަ ކޮށްލެވެއެވެ. ގޭގެއަށް ފެންވަނުން ހުއްޓުވުމަށް ވެލި ބަސްތާ ޖަހާ ހަދަން ޖެހެއެވެ.

އަސްލަމް ވިދާޅުވީ މާލޭގައި ފެން ބޮޑުވަނީ ބޮޑަށް އަޑިގަނޑު ހުންނަ ތަންތަނުގައި ކަމަށާއި، މާލޭގައި ފޫޓަކަށް ފެން ބޮޑުވިޔަސް މީހުންނަށް ދައްޗާއި އުނދަގޫތައް ދިމާވާ ކަމަށެވެ. އެގޮތުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދަނީ، ފެން ހިންދާ ނިޒާމު، ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމް ވެސް ހިމެނޭ ގޮތަށް ކަމަށާއި އަދި މާލޭގެ މަގުތަކުގެ އަޑީގައި ހުރި ހޮޅިތައް "އިރުއިރުކޮޅާ" ކޮންނަން ނުޖެހޭ ގޮތަކަށް އެކަން ކުރަން ބޭނުންވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"އެއްވެސް ހާލެއްގައި ކޮންނަން ނުޖެހޭ ހާލަތެއް ނާންނާނެ. ނަމަވެސް ވީހާ ވެސް މަދުން އެކަން ކުރަން ޖެހޭނެ ގޮތަކަށް، ބިމުގެ އަޑީގައި ހުރި ނެޓްވޯކްތައް ބަދަލު ކުރުމާއި އެކީގައި ޕަމްޕްތައް ލާން ޖެހޭނީ،"
ޕްލޭނިން މިނިސްޓަރު އަސްލަމް

މީގެ އިތުރުން އަސްލަމް ވިދާޅުވީ މާލޭގައި ފެން ހިންދަން ހުސް ޖާގައެއް ނެތް ކަމަށާއި މާލެއަށް ވާރޭ ވެހި ފެންބޮޑުވުމުން ޖެހެނީ ބޭރު ކުރަން ކަމަށެވެ. އަދި ފަހުން މާލޭގެ އެކި ސަރަހައްދުތައް ހިއްކައި ކަންކަން ކުރި އިރު، ހަދާފައި ހުރީ ފެންތައް ބޭރުވާ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ މަގުތައް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެފައި / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

މާލޭގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރަން މަގުތައް ހަދަން ކުރީގެ ސަރުކާރުން ވެސް ނިންމިއެވެ. މަޖީދީ މަގުގެ މަސައްކަތް 2018 ގައި ނިމުމާ އެކު އިތުރު 13 މަގެއް ހަދާނެ ކަމަށް ބުނެފައި ވެއެވެ. އެކަމަކު ސަރުކާރު ނިމުމުގެ ކުރިން ހެދުނީ މަޖީދީމަގާއި ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެކެވެ. ނަމަވެސް މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދިފައެއް ނުވެއެވެ.

މި ހަފްތާތެރޭ މާލެއަށް ދޭތެރެ ދޭތެރެއިން ވެހެމުން ދާ ވާރޭގައި އާންމުކޮށް ފެން ބޮޑުވާ މަގުތަކުގައި ފެން ބޮޑުވެފައި ވެއެވެ. މީގެ އިތުރުން ކުރިން ފެންބޮޑު ނުވާ މަގުތަކުގައިވެސް ފެންބޮޑުވެފައި ވެއެވެ.